ރައީސް އަބްދުﷲ ޔާމީން

ޖޭއެސްސީ އޮތީ އެމްޑީޕީގެ މުށުތެރޭގައި: ޔާމީން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ އެމްޑީޕީގެ މުށުތެރޭގައި ކަމަށާއި ފަނޑިޔާރުން މިއަދު ތިބީ ބިރެއްގެ ތެރޭގައި ރަހީނުކޮށްފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ހިތަދޫގައި ބޭއްވި "އަފިރިން ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޖޭއެސްސީ އޮތީ އެމަނިކުފާނުގެ މުށުތެރޭގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވެރިން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަރަށް ގިނަ އިން ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީ އޮތީ ކޮން ބައެއްްގެ މުށުތެރޭގައިތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނު ކުރަމުން ބުނި އަދުލު އިންސާފު ގާއިމު ކުރާނީ ކިހިނެއް ހެއްޔޭ؟. ޖޭއެސްސީ އޮންނަނީ ރައީސް ޔާމީން އަތުގައޭ. އެކަމު އޭރު ދެއްކި ވާހަކަ މިހާރު ހަނދާން ނެތުނީ. ކެންސަލް ދެއްތޮ. މިހާރު ޖޭއެސްސީ އެއަށްވުރެ ބާރު ގަދަކޮށް އޮތީ އެމްޑީޕީ އަތުގައި،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ފަނޑިޔާރުންވެސް މިހާރު ތިބީ ބިރުދައްކައި ރަހީނު ކޮށްފައި ކަމަށެވެ. އަދުލު އިންސާފު މިނިވަންކުރަން އައި ބަޔަކު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ދެކޮޅު ހަދައި ޕީޕީއެމުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަހުސް ކޮށްލަންވެސް ނުކެރުނު ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން އަދުލު އިންސާފު ގާއިމު ކުރާ ވާހަކަ އެމްޑީޕީން ދައްކަނީ ކީއްކުރަންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

އަދުލު އިންސާފުގެ މަސައްކަތް ފެށެނީ ފަނޑިޔާރުންގެ މޭޒުން ނޫން ކަމަށާއި އެކަން ފެށެނީ ދައުލަތުން މީހެއްގެ މައްޗަށް ތުހުމަތެއް ކުރާ ހިސާބުން ކަމަށް ޔަމީން ވަނީ ވިދާޅުވި އެވެ. ފަނޑިޔާރުންނާ ހަމައަށް މައްސަލަ ދަނީ ހުރިހާ ކަމެއްގެ އެންމެ ފަހު މަރުހަލާގައި ކަމަށްވެސް ވިދާޅުވި އެވެ. މައްސަލަތައް މިހާރު ތަހުގީގު ކުރަނީ ސިޔާސީ ފިކުރުގައި ތިބި ފުލުހުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"[އެމްޑީޕީން] އަދުލު އިންސާފަކާއި ނުބެހޭނެ؟ ކިހާ ވަރަކަށް ނުބެހޭނީ؟ ފަހަރިއާ ޅިޔަނާއޭ އެތާ ތިބީ،" ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ރައީސް ސޯލިހަކީ ޅިޔަނުން ކަމަށްވާތީ ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އައްޑޫއަށް ވަޑައިގަތީ މިމަހުގެ ހަވަނަ ދުވަހު އެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އައްޑޫ އަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް އިތުރުކުރައްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައި ވަނިކޮށެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރެއްވި ފަހުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. އަތޮޅަށެވެ. މިދިޔަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަޑައިގަތީ ހއ. ދިއްދޫ، އިހަވަންދޫ، ބާރަށް، ކެލާ އަދި ތުރާކުނަށެވެ. އޭގެފަހުން މިދިޔަ މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަކަށް ވެސް ވަޑައިގެންފަ އެވެ.