ފިނިޕޭޖް

2023ގެ އޮސްކާސް ހޯސްޓްކުރާނީ ޖިމީ

އަންނަ އަހަރުގެ މާޗް 12 ވަނަ ދުވަހު ބާއްވާ 95 ވަނަ އެކަޑަމީ "އޮސްކާ" އެވޯޑް ހޯސްޓްކުރާނީ ޖިމީ ކިމެލް އެވެ.

މިއީ ޖިމީ މި އެވޯޑް ޝޯ ހޯސްޓްކުރާތާ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑް ޝޯ ހޯސްޓްކުރީ 2017 ގައި އާއި 2018 ގައެވެ.

އޮސްކާސްގެ ޕްރޮޑިއުސަރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ މިއީ މި ގްލޯބަލް ސްޓޭޖްގައި ޖިމީގެ ހެޓް ޓްރިކް ކަމަށާއި އެކަމާ ވަރަށް އުފާވާ ކަމަށެވެ. އަދި ޖިމީ އަކީ ޖޯކުތަކުގެ އިތުރުން ކޮންމެ ކަމަކަށްވެސް ތައްޔާރަށް ހުންނާނެ މީހެއް ކަމަށެވެ.

އޭނާގެ ޓޯކްޝޯ އިން މިފަދަ ތަޖުރިބާ ލިބިފައިވާނެ ކަމަށްވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ޝޯގައި ވިލް ސްމިތް ކްރިސް ރޮކް އޭނާގެ އަންހެނުން ޖޭޑާ ޕިންކެޓް ސްމިތަށް މަލާމާތުގެ ޖޯކެއް ޖެހުމުން، މޫނު މަތީގައި ޖަހާފައި ވާތީ، މި ކަން ވަނީ މުޅި ދުނިޔެ ހައިރާންކޮށްލާފަ އެވެ.

ޖިމީ ކިމެލް ބުނީ އޮސްކާ ހޯސްޓްކުރުމަށް ތިންވަނަ ފަހަރަށް ދައުވަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ނޫނީ "މަޅި"އެއް ކަމަށެވެ.

"ކޮންމެ ގޮތަކަށްވިޔަސް، ހުރިހާ މޮޅެތި މީހުން މިކަމަށް ނޫނެކޭ ބުނީމަ އެހާ އަވަހަށް ދައުވަތު ފޮނުވީތީ އަހަރެން ދި އެކަޑަމީ އަށް ވަރަށް ޝުކުރު އަދާކުރަން." ޖިމީ ބުންޏެވެ.

ޖިމީގެ ހޯސްޓިން އަށް މައިގަނޑު ގޮތެއްގައި ޕޮޒިޓިވް ރިވިއުޒް ލިބިފައިވެ އެވެ.

ޖިމީ އަކީ ކޮމެޑިއަން އަދި "ޖިމީ ކިމެލް ލައިވް" ގެނެސްދޭ ޓޯކް ޝޯ ހޯސްޓެކެވެ. މި ޝޯއަކީ ސެލެބްރިޓީންވެސް ވަރަށް ގިނައިން އަރާ ޝޯއެކެވެ.

މި އެވޯޑް ޝޯގައި ޖިމީގެ އަންނެހުން މޮލީ މެންނިއަރީ އެގްޒެކަޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނެ އެވެ. މޮލީ އަކީ ޖިމީ އާއެކު "ޖިމީ ކިމެލް ލައިވް"ގެ ރައިޓާ އަދި އެގްޒަކަޓިވް ޕްރޮޑިއުސަރެވެ.