މިނިސްޓްރީ އޮފް ހެލްތު

ހިންމަފުށީ ސިއްހީ މަރުކަޒަށް ޖަޕާނުން 2.6 މިލިއަން ރުފިޔާ

ކ. ހިންމަފުށި ސިއްހީ މަރުކަޒު ތަރައްގީ ކުރަން ޖަޕާން ސަރުކާރުން 174،230 ޑޮލަރު --ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޑޯރީ ޓަކެއުޗީ އަދި ކ. ހިންމަފުށީ ސިއްހީ މަރުކަޒުގެ ހެލްތު ސާވިސަސްގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އަބްދުﷲ ޝަފީއު އެވެ.

މިއީ ޖަޕާނުގެ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމްގެ ދަށުން ދޭ އެހީ އެކެވެ.

އެ އެހީގައި ހިންމަފުށީ ސިއްހީ މަރުކަޒުގައި އެމަޖެންސީ ރޫމަކާއި، ލެބޯޓްރީއަކާއި، އެކްސްރޭ ރޫމެއްގެ އިތުރުން ބަލިމީހުން ބެލުމަށް ދެ ކޮޓަރި ހެދިގެންދާނެ އެވެ.

މަޝްރޫއު ނިމުމުން ހިންމަފުށި ސިއްހީ މަރުކަޒުން ލެބޯޓްރީ އަދި ރޭޑިއޮލޮޖީގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖީޖީޕީއަކީ މީހުން ބާރުވެރިކުރުވުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ހިންގާ ޖަޕާނުގެ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އޯޑީއޭ) ގެ ބައެކެވެ.