އޭސީސީ

ކޮރަޕްޝަންގެ މައްސަލައެއްގައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފި

އުސޫލުތަކާއި ހިލާފަށް ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށްދިން މައްސަލައިގައި ތިން މީހަކަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޮފީހަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން އާއި ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޒީ އަދި މިހާރުގެ ކައުންސިލްގެ އާންމު މެންބަރު ހަސަން ޖައުފަރުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ 2016 ވަނަ އަހަރު ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ވިއްކި އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް އިއުލާނު ނުކޮށް ތެލުގެ މަސައްކަތް ކުރުމަށް އެ ރަށުގެ ބަނދަރު ސަރަހައްދުން 128 އަކަފޫޓުގެ ބިމެއް 15 އަހަރުގެ މުއްދަތަކަށް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިން ކަމުގެ ތުހުމަތުގައި ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.

އޭސީސީ އިން ބުނީ އެ ބިން ކުއްޔަށް ދީފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

"މި ބިން ކުއްޔަށް ދޫކޮށްފައިވަނީ ހަނިމާދޫ ކައުންސިލްގެ އޭރުގެ ނައިބު ރައީސްއާއި އޭރުގެ މެންބަރަކާއި އާއިލީ ގޮތުން ގުޅުންހުރި އެރަށު އަމިއްލަ ފަރުދަކަށް. އުސޫލުތަކާ ހިލާފަށް އެ ފަރާތަށް ބިން ލިބޭ ގޮތަށް ކުއްޔަށް ދީފައި ވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭ،" އޭސީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން އޭސީސީ އިން ވަނީ އެ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ރުފިޔާ ހޯދިކަން އެނގެން ނެތް ކަމަށެވެ. ނުލިބިވާ 36،167.04 ރުފިޔާ ހޯދުމަށް ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އޭސީސީ އިން ވަނީ އަންގާފަ އެވެ.