އެޗްއާރްސީއެމް

ޔޫއެން ސީއާރްސީ ކޮމެޓީގައި ރާއްޖެ ރިވިއު ކުރުން މާދަމާ

ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ ނުވަތަ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) ގެ މުރަޖާ ކުރާ ކޮމެޓީގެ މިހާރު ކުރިއަށްދާ ބައްދަލުވުމުގައި މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ރިވިއު ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިމަހުގެ 11 އިން 29 އަށް ޖެނީވާގައި ކުރިއަށްގެންދާ ކޮމެޓީގެ ބައްދަލުވުމަކީ ގައުމުތަކުން ސީއާރްސީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމުގެ ބައްދަލުވުމެކެވެ،

އެޗްއާރްސީއެމުން ބުނީ ސީއާރްސީން ގައުމުތައް ރިވިއު ކުރުމުގައި ގައުމުތަކުންނާއި، ޔޫއެންގެ ފަރާތްތަކުން އަދި ގައުމީ ހިއުމަން ރައިޓްސް ކޮމިޝަންތަކުންނާއި މަދަނީ ޖަމިއްޔާތަކުން ފޮނުވާ ރިޕޯޓުތަކާއި އަދި ކޮމެޓީ ބައްދަލުވުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވެ ކޮމިޓީއާއެކު ކުރެވޭ މަޝްވަރާތަކަށް ބަލާނެ ކަމަށާއި އޭގެ ފަހުން ގައުމުތަކުގެ ކުޑަކުދިންގެ ހައްގުތަކުގެ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކުރުމަށްފަހު ކޮމެޓީއިން ހުށަހެޅުންތަކެއް ނުވަތަ ނިންމުންތަކެއް ހުށަހަޅާނެ ކަމަށެވެ.

މި ބައްދަލުވުމުގައި "ކޮންކްލޫޑިން އޮބްޒަވޭޝަނެއް" ހުށަހަޅަން ހަމަޖެހިފައިވަނީ ފެބްރުއަރީ ހަތަރެއް ގަ އެވެ.

އެޗްއާރްސީއެމުން ބުނީ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު ބަޔާންކޮށް މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ސީއާރްސީ ކޮމެޓީއަށް، އެކޮމިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައި ދިވެހި ދައުލަތުން "ސްޓޭޓް ރިޕޯޓް" ހުށަހަޅާފައިވާ ކަމަށާއި މިދިޔަ އަހަރުގެ ޖުލައި 20 ގައި މި މުއާހަދާ ތަންފީޒުކުރާ މިންވަރާ ބެހޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ފާހަގަކޮށް "ލިސްޓް އޮފް އިޝޫޒް" ދިވެހި ދައުލަތަށް ހުށަހަޅާފައިވާނެ ކަމަށެވެ.