އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ރާއްޖޭން ކުރާ މަސައްކަތްތަކަށް އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު މިޝޭލް ބެޝެލޭ ތައުރީފު ކުރައްވައިފި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެމްބަރު ގައުއުމުތަކާއި އޮބްޒާވާ ގައުއުމުތަކާއިއެކު ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، ބެޝެލޭ ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ދިވެހި ސަރުކާރާއި އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވާފަ އެވެ.
އަދި އިންސާނީ ހައްގުތަކާބެހޭ މުޝީރަކު ރާއްޖެއަށް ކަނޑައަޅައިދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަން ފާހަގަ ކުރައްވަމުން ބެޝެލޭ ވިދާޅުވީ ރާއްޖެއަކީ އިންސާނީ ހައްގުތަތައް ހިމާޔަތް ކުރުމުގެ ރަނގަޅު މިސާލެއް ކަމަށެވެ.
ބެޝެލޭ ވިދާޅުވީ ކުރިއަށް އޮތް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 42 ވަނަ ސެޝަންގައި އެކަމަނާ ދައްކަވާ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ވާހަކަތަކަށް އަލިއަޅުވާލައްވާނެ ކަމަށެވެ. އަދި އަވަސް ފިޔަވަޅުތަކެއް ގައުމުތަކުން ނާޅާއިފިނަމަ އދ. ގެ 2030 އެޖެންޑާގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވި ޖެނީވާގައި ހުންނަ ދާއިމީ މަންދޫބު ހާލާ ހަމީދު ވަނީ މޫސުމީ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ހައިކޮމިޝަނަރު ދެއްވާ އަހައްމިއްޔަތު ކަމަށް ޝުކުރު އަދާ ކުރައްވައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް އިންސާނީ ހައްގުތަކުގެ ނަޒަރުން ވަކާލާތު ކުރައްވާތީ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އެކަން ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން ހާލާ ވަނީ އަރުވާފަ އެވެ.