އެޗްޑީސީ

"ވެށިފަހިމާލެ" ފްލެޓްތަކުގެ ބޭރުފާރުގައި ކުލަލަނީ

ހުޅުމާލޭގެ ވެށިފަހިމާލެ ފްލެޓުތަކުގެ ބޭރު ފާރުގައި ކުލަލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

ހުޅުމާލޭ ވެށިފަހިމާލޭ 83 ވަނަ ފްލެޓުން 112 ވަނަ ފްލެޓުގެ ބޭރު ފާރުގައާއި ބެލްކަނީގެ އެތެރެ ފާރުގައި ކުލަލުމުގެ މަސައްކަތް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. މީގެ އިތުރުން ފްލެޓުތަކުގެ ފާރުގައި ހުރި ރެނދުތައް ބެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށްވެ އެވެ.

އެޗްޑީސީން ބުނީ ކޮންމެ ފްލެޓެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ ފްލެޓުގައި ދިރިއުޅެމުންދާ މީހުންނަށް އަންގާ ނޯޓިސްއެއް ދޭނެ ކަމަށެވެ.

ފްލެޓުތަކުގެ ބޭރުފާރުގައި ކުލަ ލުމައްޓަކައި ޖުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރަން ހަމަޖެހިފައިވާތީ އިމާރާތްތަކުގެ ބޭރުގައި ބަހައްޓާފައި ހުރި ތަކެއްޗާއި އާންމު ބައިތަކުގައި ބަހައްޓާފައިވާ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މީގެ އިތުރުން މިފަދަ ތަކެތި ނުނަގާ ނުވަތަ އެއްކައިރި ނުކުރާނަމަ އެއީ ބޭނުންނެތް ތަކެތި ކަމަށް ބަލައި އެތަކެއްޗާ މެދު ފެންނަ ގޮތަކަށް އަމަލު ކުރުމުގެ އިހްތިޔާރު އެޗްޑީސީއަށް ލިބިގެންވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އިމާރާތުގެ ބޭރުގައި ބަހައްޓާފައިވާ ތަކެތި އެއްފަރާތް ކުރުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާވެސް އެ ކުންފުނިން ނުނަގާނެ ކަމަށެވެ.

މިމަސައްކަތް ނިންމާނެ ތާރީހެއްގެ ގޮތުގައި އެޗްޑީސީން ދީފައިވާ މުއްދަތަކީ ހަތަރު މަހެވެ.