ފިނިޕޭޖް

އެވެޓާގެ ސިކުއެލް އެތައް ކަމަކާ ގުޅިފައި

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ބޮކްސްއޮފީހުގައި ފްލޮޕް ވެއްޖިއްޔާ، އެވެޓާގެ ތިންވަނަ ފިލްމުން ފްރެންޗައިޒް ނިންމާލާނެ ކަމަށް ޖޭމްސް ކެމެރަން ބުނެފި އެވެ.

ސަބަބަކީ މި ފިލްމްތައް ހެދުމަކީ ވަރަށް ބޮޑު ހަރަދެއް ކަމަށާއި މާބޮޑު ރިސްކަކަށް ވުން ކަމުގައިވެސް ޖޭމްސް ބުންޏެވެ.

ޖޭމްސް ބުނީ އޭނާ އެވެޓާގެ ހަތަރު ފިލްމްގެ ވާހަކަ ލިޔުނު އިރު އެއީ ތަފާތު ދުނިޔެއެއް ކަމަށާއި، ޕެންޑަމިކަށްފަހު ފިލްމުތަކުގެ ސްޓްރީމިން ސާވިސަސްތައް ބޮޑަށް ހިނގަން ފަށާފައިވާ ކަމެވެ.

މީހުންނަށް ތިއޭޓަރަށް ދިއުމުގެ ހާއްސަކަން ހަނދާންކޮށްދޭންވީ ކަމަށާއި އެވެޓާގެ މި ސިކުއެލް އިން އެކަން ހަމަގައިމުވެސް ދައްކާނެ ކަމަށް ޖޭމްސް ބުންޏެވެ. އެކަމަކު ސުވާލަކީ، ކިތައް މީހުން އެ ހާއްސަކަން އިހްސާސް ކުރަން ބޭނުންވޭތޯ ކަމުގައިވެސް ބުންޏެވެ.

ޖޭމްސް އިތުރަށް ބުނީ އޭނާ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އިން ބައެއް ބައިބައި ނަގައި، ތިންވަނަ ފިލްމަށް ލާފައިވާ ކަމަށެވެ.

އެވެޓާގެ ފުރަތަމަ ފިލްމް ނިކުމެފައިވަނީ 2009 ވަނަ އަހަރު އެވެ. މި ފިލްމުގެ މައިގަނޑު ރޯލްތައް އަދާކޮށްފައިވަނީ ސޭމް ވޯތިންޓަން އާއި ޒޯއީ ޒަލްޑާނާ އާއި ސިގޯނީ ވީވަ އަދި ސްޓީވަން ލޭން ފަދަ ތަރިންނެވެ.

ކޮމްޕިއުޓާ ޖެނެރޭޓަޑް އިމޭޖަރީ ނުވަތަ ސީޖީއައި އާއި ސްޕެޝަލް އިފެކްޓްސް ގާތްގަނޑަކަށް މުޅި ފިލްމްގައި ބޭނުންކޮށްފައިވާ "އެވެޓަ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ.

މި ފިލްމް ވަނީ ތިން އޮސްކާ އެވޯޑާއި އެހެނިހެން ބައެއް އެވޯޑްތައް ވެސް ހާސިލްކޮށްފަ އެވެ.