- އިސްކަން ދީފައިވަނީ ޓޫރިޒަމް ނެތް އަތޮޅުތަކަށް
- އަމާޒަކީ ފަސް އަހަރުން 50 ރިސޯޓް ހުޅުވުން
- މިހާރު ވެސް 25 ރިސޯޓެއްގެ މަސައްކަތް ކުރޭ
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހަތަރު އަތޮޅެއްގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ޓްއަރިޒަމް މިނިސްޓްރީ އިން ނިންމައި އެކަމުގެ މަސައްކަތްތައް ފަށައިގެންފި އެވެ.
ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ވިދާޅުވީ ޓްއަރިޒަމް ތަރައްގީ ކުރުމަށް މިނިސްޓްރީ އިން ކުރާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް މިއަހަރު ދޭނީ ހއ، ހދ ލ އަދި ގއ، ގދ އަށް ޓޫރިޒަމް ގެންދިޔުމަށް ކަމަށެވެ. ލިރާރު ވިދާޅުވީ ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން އެ ސަރަހައްދުތަކަށް ހާއްސަކޮށްގެން ޓޫރިޒަމްގެ މަޝްރޫއުތައް ގެންދިޔުމާއި ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރަން އަންނަ ފަރާތްތަކަށް އެ އަތޮޅުތަކުގެ މައުލޫމާތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންވެސްޓަރުންނަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރިއަށް ގެންދާ އެކި ފެއާތަކާއި އެހެން ވެސް އެފަދަ ބައްދަލުވުންތަކުގައި އެެ އަތޮޅުތަކަށް އިންވެސްޓަރުން ގެންދިޔުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ވެސް 25 އަކަށް ރިސޯޓް އަންނަނީ ހަދަމުންނެވެ. ލިރާރް ވިދާޅުވީ ޓޫރިޒަމް ފުޅާކުރުމުގައި އެ އަތޮޅުތަކަށް އިސްކަން ދޭން ނިންމީ އެއީ އެންމެ ކުޑަކޮށް ޓޫރިޒަމްގެ މަންފާ ލިބޭ އަތޮޅުތައް ކަމަށް ފާހަގަ ވާތީ ކަމަށެވެ. އަދި އެ އަތޮޅުތަކަށް ޓޫރިޒަމް ގެންދިޔުމުގެ ސަބަބުން ވަޒީފާތަކާއި އެހެން ވެސް ދިވެހިންގެ މަސައްކަތްތެރިކަމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ލިރާރް ވިދާޅުވި އެވެ.
"ޓްއަރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދީގެން މި އަތޮޅުތަކެއް މި ކަނޑައެޅީ. މިއަހަރުގެ ތެރޭގައި ގިނަ ޓޫރިޒަމްގެ މަޝްރޫއުތަކެއް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ލިރާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި 59 ރިސޯޓް މާކެޓަށް ނެރުން ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ވެސް ގިނަ ރިސޯޓްތަކެއް ހުޅުވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި 50 ރިސޯޓްގެ ލަނޑުދަޑި ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް މިނިސްޓްރީ އިން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.