އީޕީއޭ

އެފްކޮންސްގެ ދިރާސާ ރިޕޯޓް އީޕީއޭ އަށް

ބްރިޖު ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމަށް އެފްކޮންސް އިން ކުރި މަސައްކަތުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމު ވިދާޅުވީ ތިލަމާލޭ ބްރިޖު އެޅުމަށް އެފްކޮންސް އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުން ލިބުނު ގެއްލުން ދިރާސާކޮށް އީޕީއޭއިން ނެރުނު ރިޕޯޓު އެފްކޮން އިން ގަބޫލުނުކޮށް އެކުންފުނިން އަމިއްލަ އަށް ހެދި ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ އެފްކޮންސްގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށެވެ.

"އެ ރިޕޯޓާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން މިދަނީ" އިތުރު ތަފްސީލް ނުދެއްވަައި ނައީމު ވިދާޅުވި އެވެ.

އެކަމަކު ވަރަށް އަވަހަށް މީޑިއާ އާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރައްވާނެ ކަމުގައި ނައީމު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ޕްލެޓްފޯމް ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އީޕީއޭ އިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭގެ ޓީމުގެ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.