ހަންގޭރީ

ހަންގޭރީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

Nov 9, 2022

ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރު ޕީޓާ ޒިޔާޓޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޕީޓާ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ.

ޝާހިދު އިއްޔެ ވިދާޅުވީ ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށެވެ.

ޝާހިދާއި ޕީޓާ ޒިޔާޓޯ މިހާރު ވަނީ ބައްދަލުކުރައްވާ މަޝްވަރާ ވެސް ކުރައްވާފަ އެވެ.

ރާއްޖެއާއި ހަންގޭރީގެ ގުޅުން ބަދަހިކުރުމާއި ޔޫރަޕުން ރާއްޖެއަށް ލިބޭ އެކި ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް މިދިޔަ އަހަރު ވަނީ ރާއްޖޭގައި ހުޅުވާފަ އެވެ.

ހަންގޭރީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޖެނެރަލް އަކީ މަސީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އެވެ.

ރާއްޖެއާއި ހަންގޭރީގެ ގުޅުމަށް 47 އަހަރުވެފައިވާއިރު އެ ގައުމުގެ ވަޒީރަކު މީގެކުރިން ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.