ފިނިޕޭޖް

"ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ" ބެލުމަށް ކެތްމަދުވެފައި

މާވެލް ސިނަމެޓިކް ޔުނިވާސްގެ "ބްލެކްޕެންތާ"ގެ ސިކުއެލް "ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ" އަންނަ ހުކުރު ދުވަހު ނެރުމަށް ހަމަޖެހިފައިވާއިރު ފޭނުން ވަނީ މި ފިލްމު ބެލުމަށް ކެތްމަދުވެފަ އެވެ.

މިގޮތުން އެމެރިކާގައި އެކަނި މި ފިލްމްގެ ބޮކްސްއޮފީސް އެޑްވާންސް-ޓިކެޓް ސޭލްސް 45 މިލިއަން ޑޮލަރަށް ވުރެ އިތުރުވެއްޖެ އެވެ.

މިއީ މާވެލްގެ "ޑޮކްޓާ ސްޓްރޭންޖް 2"ގެ ފަހަތުގައި 20 އިންސައްތަ އަދި "ތޯ: ލަވް އެންޑް ތަންޑާ"ގެ ކުރީގައި 40 އިންސައްތައިގެ އަދަދެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު "ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ"ގެ ތިން ދުވަހުގެ މިހާރުގެ ލަފާކުރެވޭ ގްލޯބަލް ސޭލްސް އަކީ 355-365 މިލިއަން ޑޮލަރެވެ.

"ބްލެކް ޕެންތާ"ގެ ދެ ފިލްމްވެސް ޑައިރެކްޓް ކޮށްފައިވަނީ ރަޔާން ކޫގްލާ އެވެ.

"ބްލެކް ޕެންތާ"ގެ ރޯލް އަދާކުރި ޗެޑްވިކް ބޯޒްމަން އޮގަސްޓް 28، 2020 ގައި ކޮލޯން ކެންސަރުގެ ބަލީގައި މަރުވުމާ ގުޅިގެން އެ ރޯލަށް އެހެން މީހަކު ލުމުގެ ބަދަލުގައި ސިކުއެލްގެ ޕްލޮޓް ބަދަލުކޮށް، ޗެޑްވިކްގެ ކެރެކްޓާ ކިންގް ޓި'ޗާލާ މަރުވި ގޮތަށް ހެދީ އެވެ.

ދެން މި ފިލްމްގައި މައި ރޯލަކަށް ބަދަލުކުރީ ޝޫރީ (ލެޓީޝިއާ ރައިޓް)ގެ ރޯލެވެ. މި ފިލްމްގައި ރީރީ ވިލިއަމްސް "އަޔަން ހާޓް" ވެސް ފެނިގެންދާނެ އެވެ. އަދި ކުރިމަތިލާނީ އައު ވިލަންއަކާ އެވެ.