ޗާގޯސްއަކީ ރާއްޖޭގެ ތަނަކަށް ހެދުމަށް ލިބުނު ފަހު ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލި ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހެއްދެވީ އިތުރުފުޅެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ ރައީސް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ފޮރިން މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ޝާހިދު ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ދައުވާ ކުރުމުގެ ފަހު ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ކަމަށެވެ. ނަމަވެސް އެ ފުރުސަތު ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްލުމަށްފަހު ޗާގޮސްގެ މައްސަލައިގައި އޮޅުވާލައިގެން މިސަރުކާރު ބަދުނާމު ކުރުމަށް ވާހަކަދައްކަމުންދާ ކަމަށެވެ.
ޝާހިދު ދެއްކެވި ވާހަކަތަކާ ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް ޝާހިދު ހައްދަވަމުން ގެނަދަވަނީ އިތުރުފުޅެއް ކަމަށެވެ.
"ޝާހިދު ހަދަނީ ދޮގުކަން ހުރިހާ ދިވެހިންނަށްވެސް އެނގޭ. ބޭރުގެ މީޑިއާތަކަށް އަރާފައި ދެއްކި ވާހަކަތައް ދިވެހިންނަށް އަޑު އިވިފައި ހުރީ. އެކަމު މިއަދު އެ ވިދާޅުވަނީ އެކަހަލަ ވާހަކައެއް ނުދައްކަވަމޭ. ދެން ކިހިނެއްތޯ ރައްޔިތުން ގަބޫލުކުރާނީ މިދައްކަވާ ވާހަކަ." ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ރާއްޖެއަށް ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގޭނެ ފުރުސަތެއް ނެތް ކަމަށެވެ. އެކަމަކު ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން ދަމަހައްޓަމުން އައި ސިޔާސަތު ދޫކޮށްލާފައި ނުވާ ކަމަށެވެ.
ޗާގޮސްގެ މައްސަލައިގައި ކުރީގެ ސަރުކާރު ތަކުން ގެންގުޅެފައިވާ އެއްވެސް ސިޔާސަތެއް މި ސަރުކާރުން ބަދަލު ނުކުރާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާތީ ޝިޔާމު ވަނީ ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަމަށް ވިދާޅުވެފަ އެވެ. ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް މިސަރުކާރުން ކުރިން އެއްބަސް ނުވެފައި ޑީކޮލޮނައިޒޭޝަން ނުވަތަ އަޅުވެތިކަމާ ދެކޮޅު ކަމަށް ބުނެ މިސަރުކާރުން ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ފަހުން އެއްބަސްވުމަކީ ސިޔާސަތު ބަދަލުކުރުން ނޫން ކޮން ކަމެއްތޯ ސިޔާމު އެއްސެވި އެވެ.
"މިއީ ސްޓޭންޑަށް ބަދަލު ގެނައުމެއް ނޫންތޯ؟ މިދެން ކޮން ކަމެއްތޯ؟ މިސިޔާސަތު ބަދަލުވީމާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑު،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ރައީސް ޔާމީނަށް ކުރާ ތުހުމަތުތަކަކީ އެމަނިކުފާނުގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.