ސްޓެލްކޯ

ސްޓެލްކޯގައި ޗައިލްޑް ކެއާ ސެންޓަރެއް ހުޅުވައިފި

މަސައްކަތު ގަޑީގައި ސްޓެލްކޯގެ މުވައްޒަފުންގެ ދަރިންނަށް ތިބެވޭނެ ޗައިލްޑް ކެއާ ސެންޓަރެއް ހުޅުވައިފި އެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި ހަދާފައިވާ ޗައިލްޑް ކެއާ ސެންޓަރު މިއަދު ހުޅުއްވައިދެއްވީ ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އެވެ.

ސެންޓަރުގައި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އަދި ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގައި ހެނދުނު 8:15 އިން ހަވީރު 4:00 އަށް މި ސެންޓަރު ހުޅުވިފައި ހުންނާނެ އެވެ.

ސްޓެލްކޯ އިން ބުނީ މި ސެންޓަރުގައި ކުދިން ބެލެހެއްޓުމަށް ތިބޭނީ އެކަމަށް ގާބިލް އަދި ކުދިން ގެންގުޅުމުގައި ހުނަރުހުރި މުވައްޒަފުން ކަމަށެވެ. މިގޮތުން ކުޅިވަރުގެ ތެރެއިން އުނގެނުމަށް މި ސެންޓަރުގައި އިސްކަންދޭ ކަމަށްވެސް ބުންޏެވެ.

"މިތަނަކީ ސަރުކާރުން ސްޓެލްކޯގެ މުވައްޒަފުންނަށް ދެއްވި ހަދިޔާއެއް. މި ހަދިޔާ ބަލައިގަންނަކަން މުވައްޒަފުންނާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުންކަން ފެނިގެންދާނެ،" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދް ޝަރީފް ވިދާޅުވި އެވެ.

މި ސެންޓަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދުރު ވިސްނުންފުޅާ އިސްނެންގެވުމުގެ މަތިން ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރެވޭ މާހައުލެއް ހޯދާއިދިނުމުގެ ގޮތުން ގާއިމުކުރި ތަނެއް ކަމުގައިވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.