ދުނިޔެ

އޮސްޓްރޭލިއާ ޕައިލެޓުންގެ ހަރަކާތްތައް ތަހުގީގުކުރަނީ

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އަށް ނިސްބަތްވާ ސިފައިންނަށް ތަމްރީން ދޭން ޝައުގުވެރިވާ އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލެންޑް އަދި އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ޕައިލެޓުންނަށް ޗައިނާއިން ވަރަށް ބޮޑު އަގެއް ދޭ ކަމަށް ހުޅަނގުގެ މީޑިއާތަކުން އޮތީ ތުހުމަތުކޮށްފަ އެވެ.

މި ކަމުގައި އޮތީ ކިހާ ވަރެއްގެ ހަގީގަތެއްކަން އެ ގައުމުތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެހެންނަމަވެސް، ޗައިނާ ސިފައިންނަށް އެހީތެރިނުވުމަށް ޕައިލެޓުންނަށް އޮތީ ނަސޭހަތްތެރިވެފަ އެވެ.

ޕީއެލްއޭ ސިފައިންނަށް އެހީތެރިވާ އިނގިރޭސިވިލާތުގެ ފައިލެޓުން ހޯދައި، ދޮގުތެދު ސާފުކުރަމުންދާ ކަމަށް އެ ގައުމުން ބުނެފައި ވަނިކޮށް އޮސްޓްރޭލިއާއިން ވެސް ވަނީ ލިސްޓެއް އެކުލަވާލައި ޝައްކުކުރެވޭ ޕައިލެޓުން ހޯދަން ތަހުގީގެއް ފަށާފަ އެވެ.

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ އިދާރާއަށް ލިބިފައި ހުރި އިންޓެލިޖެންސް ރިޕޯޓްތަކަށް ބަލައި -- އަސްކަރިއްޔާއަށް ކުރިން ހިދުމަތްކުރި ބައެއް ޕައިލެޓުންނާ ސުވާލުކުރަން، ޝަރުއީ އިދާރާތަކަށް ވާނީ ހަވާލުކޮށްފަ އެވެ.

މިކަމުގައި އޮތް ކަންބޮޑުވުމާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު، ރިޗަޑް މާލްސް ވެސް ވާހަކަދެއްކެވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ދިރާސާކޮށް އެ އިދާރާއިން ވަކި ގޮތެއް ނިންމާނެ ކަމަށެވެ. އަދި ގަވާއިދު ބަދަލުކޮށްގެން ނަމަވެސް، ގައުމީ މަސްލަހަތާ ގުޅުން ބޮޑު އިދާރާތަކުގައި ކުރިން މަސައްކަތްކުރި އޮފިސަރުންނަށް ޗައިނާ ކަހަލަ ގުޅުން ފުށުއަރާ ގައުމުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާނެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޑިސެމްބަރު 14 ގެ ކުރިން ވަކި ގޮތެއް ނިންމާނެ އެވެ.

އޭނާ އަދި ވިދާޅުވީ ތަހުގީގެއް ހިންގޭ ވަރަށް މައުލޫމާތު ލިބިވަޑައިގެންފައި ހުރި ކަމަށާއި ވަކިވަކި އޮފިސަރުންނާ ސުވާލުކުރަން މިހާރުން މިހާރަށް ވެސް އަމުރު ނެރެވިދާނެ ކަމަށެވެ.

ޗައިނާއިން މިހާރު ވެސް ޕައިލެޓުންނާއި އަސްކަރީ އޮޕަރޭޓަރުންނަށް ބޮޑު އަގު ހުށަހަޅާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އޮފިސަރުން ޗައިނާއާ މުއާމަލާތް ކުރަނީ ސިއްރިއްޔާތުގައި ކަމަށްވެސް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އޮފިސަރުން ކިތަންމެ ސިއްރުން ޗައިނާއާ މުއާމަލާތް ކުރި ނަމަވެސް އެކަން އޮތީ އެނގިފައި އެވެ. އަދި ހުއްދަ ނެތި އަސްކަރީ މައުލޫމާތު ގައުމުން ބޭރުކުރުމަކީ މަނާކަމެއްކަން އަސްކަރިއްޔާގައި މަސައްކަތް ކުރި އޮފިސަރުންނަށް އެނގެން ޖެހޭނެ ކަމަށެވެ.