ބޮލީވުޑް

އެކްތާގެ ޑްރީމް ޕްރޮޖެކްޓް "ކޭޓީނާ"އިން ދިޝާ ބޭރުކޮށްފި

އެކްތާ ކަޕޫރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އޭނާގެ އަމިއްލަ ހަޔާތުގެ ވާހަކަތައް ކިޔައިދޭ ފިލްމު "ކޭ-ޓީނާ"ގެ ބަތަލާގެ ބަޔަށް ހަމަޖައްސާފައި އޮތީ ދިޝާ ޕަޓްނީ އެވެ.

ދިޝާ މި ފިލްމުގެ މަސައްކަތް ފަށައި ބައެއް މަންޒަރުތައް ވެސް ނެގި އެވެ. ނަމަވެސް ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ދިޝާގެ ޕްރޮފެޝަނަލް ކަމެއް ނެތުމުން މިހާރު އެ ފިލްމުން އޭނާ ވަނީ ވަކިކޮށްފަ އެވެ. އަދި ޝްރައްދާ ކަޕޫރާއި ތާރާ ސުތާރިއާ އަށް ފިލްމުގެ ލީޑް ރޯލް ދޭން މަޝްވަރާތައް ފަށާފައިވާ ކަމަށްވެ އެވެ.

ދިޝާ އާއި "ކޭޓީނާ"ގެ ޕްރޮޑިއުސަރު ބާލާޖީ މޯޝަން ޕިކްޗާޒްއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެ އެވެ. އެހެންވެ ދިޝާ ވަކިކޮށް އެހެން އާ ބަތަލާއަކު ފިލްމުގައި ބައިވެރިކުރަން ޕްރޮޑިއުސަރުން ނިންމީ އެވެ.

މިއީ އެކްތާ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާ ފިލްމަކަށް ވެފައި ދިޝާ ފިލްމުން ވަކި ކުރުމުން އޭނާ ކުޅެފައިވާ ބައިތައް އަލުން އެހެން ބަތަލާއަކު ލައްވާ ކުޅުވަން ޖެހޭތީ ފިލްމުގެ ބަޖެޓު އިތުރަށް ބޮޑުވެގެން ދާނެ އެވެ.

މި ފިލްމު އަނަންޔާ ޕާންޑޭ އާއި ނުޝްރަތު ބަރޫޗާ އަށް ވެސް ހުށަހަޅައި އެ ދެ ބަތަލާއިން ވަނީ ނޫނެކޭ ބުނެފަ އެވެ.

މި ފިލްމުގެ ޝޫޓިންގައި ދިޝާ ބައިވެރިވީ ޕެންޑެމިކްގެ ކުރިންނެވެ. ހަފުތާއެއްހާ ދުވަހު ޝޫޓް ކުރިތަނާ ޕެންޑެމިކް ލައިގަނެ ފިލްމުގެ ޝޫޓިންތައް ހުއްޓުމުން މަސައްކަތް ހުއްޓުނީ އެވެ. އަދި އެގޮތަށް ދެ އަހަރެއްހާ ދުވަހު ފިލްމުގެ އެއްވެސް މަސައްކަތެއް ނުކުރެވި އޮތުމަށްފަހު އަލުން ފެށިއިރު ދިޝާ އަށް ފިލްމުގައި ބައިވެރިވެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވަނީ އަންގާފަ އެވެ. ދިޝާ ދެކެ އެކްތާ ހިތްހަމަނުޖެހުނީ އެހެންވެ އެވެ.