އޮމްބަޑްސްޕާސްންސްގެ އޮފީސް

ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ސިއްރު އަޑުއެހުންތަކެއް ބާއްވައިފި

ގދ. ތިނަދޫން 1962 ވަނަ އަހަރު މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އާންމުކޮށް ހުޅުވާނުލައި، ސިއްރު އަޑުއެހުންތަކެއް ބާއްވައިފި އެވެ.

މި އަޑުއެހުންތައް ބާއްވާފައިވަނީ މިދިޔަ މަހުގެ 16 އިން 26 އަށެވެ. މި އަޑުއެހުންތަކުގައި ޖުމުލަ ނުވަ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

އަޑުއެހުން ބާއްވާފައިވަނީ ތިނަދޫއިން މީހުން ބޭލި ހާދިސާގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައި ހުރި ކަންކަން ދެނެގަނެ އެ ހާދިސާ ހިންގަން މެދުވެރިވި ސަބަބުތަކާއި އެކަންކަމުގެ ހަގީގަތް ހޯދުމަށް އެ އޮފީހުން ކުރަމުންދާ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުންނެވެ.

މިގޮތުން މި އަޑުއެހުންތަކުގެ ޒަރިއްޔާއިން މި ހާދިސާގައި އަނިޔާ ލިބިފައިވާ މީހުންނަށް އެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

މި މައްސަލައިގައި އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއަޅައި، ކުރިން ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ ވެސް މިފަދަ އަޑުއެހުންތަކެއް ބޭއްވުމުގެ މަގުސަދެއް ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ މި އަހަރުގެ މާޗް މަހުގެ 19 އިން 21 އަށް ގދ. ތިނަދޫގައި އާންމު އަޑުއެހުމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.