އެޗްއާރްސީއެމް

ހާލުގައި ޖެހުނު މީހުންގެ ހާލަތު މޮނީޓާކުރަން ފަށައިފި

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ހާލު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޮނީޓާ ކުރަން ފަށައިފި އެވެ.

އެޗްއާރްސީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޯންސް ޓީމުން ހާދިސާ ހިނގި ސަރަހައްދުގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ރިލީފް ސައިޓަށް ގޮސް ހާލުގައި ޖެހުނު މީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ހިނގާފައިވާ ކަންތައްތައް ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށާއި، އަދި ހާދިސާއާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތައް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ އަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި 10 މީހަކު މަރުވި އެވެ. އަލިފާން ރޯވި އިމާރާތުން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ސިފައިން ކަށަވަރުކޮށްދެ އެވެ. އަލިފާން ރޯވިތަނުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން މި ހާދިސާގައި ހަތަރު ގެއަކުން ނެރުނު 30 ދިވެހިންނަށްވެސް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މާފަންނު ދަނޑުގައި ވަގުތީ ސެންޓަރެއް ހެދުމަށްފަހު މިހާރު ބައެއް މީހުން ގެސްޓްހައުސްތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ.