ރައީސް މުހައްމަދު ނަޝީދު

ޖަލު މުވައްޒަފެއްގެ މޫނަށް ރައީސް ނަޝީދު ކުޅުޖަހައިފި!

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް މާފުށ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފެއްގެ މޫނަށް ކުޅުޖަހައިފި އެވެ.

ޖަލު މުވައްޒަފެއްގެ މޫނަށް ނަޝީދު ކުޅުޖެހި ކަން ކަށަވަރުކޮށްދެއްވާ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލު މުވައްޒަފެއްގެ މޫނަށް ރައީސް ނަޝީދު ކުޅުޖަހާފައިވާ ކަމަށާއި އެ އަމަލު ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ވިދާޅުވެފައި އެއީ ކޮށްގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވެސް ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އިހްތިރާމް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އުމަރުގެ އެ ޓްވީޓުގައި ވެ އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޖަލަށްލާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ކުޅުޖެހި މި މައްސަލަ މިއަދު ދިމާވި އިރު ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް އެއް މަސް ދުވަހަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނުމުން އިއްޔެ އެކަމުގެ ލިޔުންތައް ހިފައިގެން ދިއުމުން ވެސް އެ ލިޔުންތަކުގައި ސޮއި ކުރެއްވުމަށްފަހު ވަނީ ޖަލުގައި ހުންނަވައިގެން ލިޔުންތައް އިރާލައިފައެވެ. އަދި އޭގެ ފަހުން ވަނީ ޝަރުތުތަކެއް ކުރިމަތި ކުރުވައި އިނގިރޭސިވިލާތަށް ވަޑައި ނުގަންނަވަން ނިންމަވާފައެވެ.