ހެނދުނު ހޭލެވެނީ މާ ލަހުން ހެއްޔެވެ؟ އޮފީހަށް ނުވަތަ ސްކޫލަށް ދާ ގަޑީ ޖެހޭތީ ޖެހެނީ ދުވަން ހެއްޔެވެ؟ މި ފަދަ ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް ނުކޮށް ދޫކޮށްލާނެ އެއް ކަމަކީ ހެނދުނުގެ ނާސްތާ އެވެ. ގަޑި ޖެހެން ކައިރިވާނަމަ އެހެން ހުރިހާ ކަމެއް ކުރިޔަސް ހެނދުނުގެ ސައި ކަޓުވާލަ އެވެ. މިފަދަ ވަގުތުގައި ބައެއް މީހުން ކާލާނީ ދޮންކެޔޮ ވަކެކެވެ. ފަސޭޙައިން އަވަހަށް ކާލެވޭ އަދި ބަނޑަށް ވެސް އެނގުން ވާ ކެއުމަކަށް ވާތީ އެވެ.
ދޮންކޭލަކީ ފަސޭހައިން ކާލެވޭ ރަހަމީރު އެއްޗަކަށް ވިޔަސް ރިސާޗަރުން ބުނަނީ ހެނދުނު ސައިގެ ބަދަލުގައި ދޮންކެޔޮ ކެއުން ރަނގަޅު ނޫން ކަމަށެވެ. ހެނދުނުގެ ނާސްތާގެ ބަދަލުގައި ދޮންކެޔޮ ކެއުމުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ ކަމަށެވެ.
ދޮންކޭލަކީ ޕޮޓޭސިއަމް، މެގްނީޝިއަމް އަދި ފައިބަރުން މުއްސަނދިވެފައިވާ މޭވާއެކެވެ. ނަމަވެސް ހެނދުނު ގަޑީގައި ކާ ސްނެކްސް އަކަށް ދޮންކެޔޮ ކެއުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ދޮންކޭލުގެ 25 ޕަސެންޓަކީ ހަކުރު ކަމަށް ވެފައި ފުދޭވަރަކަށް އެސިޑް ހުންނަ މޭވާއަކަށް ވާތީ އެވެ.
ދޮންކެޔޮ ކާލުމުން ވަގުތީ ގޮތުން އެމީހާގެ ހަކަތަ އިތުރުވީނަމަވެސް އިރުކޮޅަކުން ބަނޑުހައިވެ ވަރުބަލިވާނެ އެވެ. "ނޭޗާޒް ކެންޑީ"ގެ ނަމުން މަޝްހޫރު ވެފައިވާ ދޮންކެޔޮ ހެނދުނު ހުސްބަނޑާ ހުރެ ކައިފިނަމަ އެ ވަގުތުކޮޅު ވަރަށް އެނާޖީ ލިބުނުހެން ހީވާނެ އެވެ. ނަމަވެސް އިރުކޮޅަކުން ވަރުބަލިވެ ވަރަށް ގަދަޔަށް ބަނޑުހައިވާނެ އެވެ. ނަތީޖާއަކަށް ވާނީ ދުވަހުގެ ބާކީ އޮތް ބައިގައި މާ ގިނައިން ކެވުމެވެ.
ނަމަވެސް މީގެ މާނައަކީ ހެނދުނު ސައިބޯ ގަޑީގައި ދޮންކެޔޮ ނުކެވޭނެއެކޭ ނޫނެވެ. ފުޑް އެކްސްޕާޓުން ވަނީ މިކަމަށް ހައްލެއް ހޯދާފަ އެވެ. ހަމައެކަނި ދޮންކެޔޮވަކެއް ކާލުމުން ގެއްލުން ވިޔަސް ދޮންކޭލާއެކު ސިއްހަތަށް ފައިދާހުރި ފެޓްސް، ސްޕައިސް، ހާބްސް ބޭނުންކުރުމުން އިންސިއުލިން ލެވެލް ކުއްލިއަކަށް މައްޗަށް ނުގޮސް ފަރުޖެއްސިދާނެކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.
ކެއުމުގެ އެކްސްޕާޓް ޑރ. ޖިއޯފްރީ ވިދާޅުވީ ހެނދުނު ދޮންކެޔޮ ކާނަމަ އެއާއެކު ކޮކޮނަޓް ބަޓާ، އާމަންޑްސް، ފްލެކްސް އެންޑް ޗިއާ ސީޑްސް އަދި ހެމްޕް ބޭނުން ކުރުމުން ދޮންކޭލުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރެވޭނެ ކަމަށެވެ.
"ދޮންކޭލަކީ އެސިޑިކް އެއްޗެއް. އެހެންވެ އެސިޑް ނިއުޓްރިލައިޒްކޮށް، ހަކުރު މާ މައްޗަށް ދިޔަ ނުދީ ހިފަހައްޓައި، ދޮންކޭލުގައި ހުންނަ ޕޮޓޭޝިއަމް، ފައިބާ އަދި މެގްނީޝިއަމްގެ ފައިދާ ހޯދުމަށް ދޮންކޭލާއެކު މި ބާވަތްތައް ކެއުން ރަނގަޅުވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.