ލައިފްސްޓައިލް

ސޭންޑްވިޗެއްގައި އެމެރިކާގެ ނިއުކްލިއާ ސިއްރު ވިއްކަން އުޅުނު ދެމަފިރިން ޖަލަށް

އެމެރިކާގެ ނޭވީ އިންޖިނޭރަކާއި އޭނާގެ އަންހެނުން ދިގު މުއްދަތަކަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ދާދިފަހުން ވަނީ ހުކުމް ކޮށްފަ އެވެ. އެމީހުންގެ މައްޗަށް ސާބިތުވެފައިވަނީ ވަކި ގައުމެއް ނޭނގޭ ބޭރު ގައުމަކަށް އެމެރިކާގެ މިލިޓަރީ ސިއްރު މައުލޫމާތުތަކެއް ވިއްކަން އުޅުނުކަމުގެ ކުށެވެ.

ބުދަ ދުވަހު މި ދެމަފިރިންނަށް އިއްވި ހުކުމްގައި ބުނެފައިވަނީ އެމެރިކާގެ ނޭވީގެ ނިއުކްލިއާ ސަބްމެރީންތަކުގެ ސިއްރު މައުލޫމާތުތައް ބޭރު ގައުމަކަށް ވިއްކަން މި ދެމަފިރިން ސިއްރު ރޭވުންތަކެއް ރާވައި މަސައްކަތްތަކެއް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. މީގެ ތެރެއިން އެއް ފަހަރު އެމީހުން މި ސިއްރު މައުލޫމާތުތައް ސިއްރު އެޖެންޓުންނަށް ފޯރުކޮށްދޭން މަސައްކަތްކޮށްފައިވަނީ ޕީނަޓް ބަޓާ ސޭންޑްވިޗް އެއްގައި ރައްކާކޮށްގެންނެވެ.

އުމުރުން 42 އަހަރުގެ ޖޮނަތަން ޓޮއްބޭ އަކީ ނިއުކްލިއާ ސަބްމެރީންގައި މަސައްކަތްކޮށް އެ ސަބްމެރީންގެ މައުލޫމާތައް ވަރަށް ރަނގަޅަށް އެނގިހުރެ އެ މައުލޫމާތު ވަގަށް ނަގައިގެން އުޅެނިކޮށް ހިފިފައިވާ މީހެކެވެ.

ޓޮއްބޭ އަކީ ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް އޮފީހުގެ ޗީފް އިންޖިނޭރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާގެ ކުށް ސާބިތުވެ 18 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އޭނާގެ އަންހެނުން ޑައެނާ އަށް 21 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ. ޑައެނާ އަށް މާ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައީ ސިއްރު މައުލޫމާތު ވަގަށް ނެގުމާއި އެ ފޯރުކޮށްދިނުމުގައި ޓޮއްބޭއަށް އެހީތެރިވެދީފައިވާތީ އާއި މިކަމުގައި އޭނާ ޝާމިލުވާކަން ފޮރުވަން މަސައްކަތްކޮށްފައިވާތީ އެވެ.

ކޯޓުގެ ރެކޯޑްސްތަކުގައިވާގޮތުން ޓޮއްބޭ ވަނީ އެހެން ގައުމެއްގެ ސިއްރު އެޖެންޓެއް ކަމަށް ހެދިގެން އޭނާއާ ބައްދަލުކުރި އަންޑަކަވާ އެފްބީއައި އެޖެންޓަކަށް ނިއުކްލިއާ ސިއްރުތައް ހިމެނޭ އެތައް ސަތޭކަ ސަފުހާއެއްގެ މައުލޫމާތު އެތައް މަހެއްގެ މަތިން ދީފަ އެވެ.

އެމެރިކާގެ ސަބްމެރީން ފޯސަސްގެ ވައިސް އެޑްމިރަލް ވިލިއަމް ޖޭ ހިއުސްޓަން، ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ ޓޮއްބޭ ބޭރު ގައުމަކަށް ފޯރުކޮށްދޭން އުޅުނު ސިއްރު މައުލޫމާތުތަކުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއާ-ޕަވާޑް ފްލީޓްގެ ވަރަށް ސެންސިޓީވް ތަފްސީލު މައުލޫމާތުތައް ހިމެނޭ ކަމަށެވެ.

މި ދެމަފިރިންނަށް ހުކުމް އިއްވަމުން ފަނޑިޔާރު ގިނާ އެމް. ގްރޯހް ވިދާޅުވީ އެމީހުންނަކީ "ޚާއިނުން" ކަމަށް އެމީހުންގެ އިއުތިރާފުން ޔަގީން ކުރެވޭ ކަމަށެވެ. އަދި އެމީހުން އަމިއްލަ ގައުމާ ދެކޮޅަށް ހިންގަން އުޅުނީ ބިރުވެރި ކަންތައްގަނޑެއް ކަމަށެވެ.

"އެމީހުން ކުރަން އުޅުނު ކަންތަކުން އެމެރިކާގެ ސިފައިންނަށާއި މިލިޓަރީ އަށް އަދި ރައްޔިތުންނަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް،" ޖަޖް ވިދާޅުވެފައި ވެއެވެ.

ޖަޖް ވިދާޅުވީ ޑައެނާގެ ޖަލުގެ މުއްދަތު އިތުރުވީ ޝަރީއަތަށް ހުރަސް އަޅަން އުޅުމުން ކަމަށެވެ.

މި ދެމަފިރިންގެ ޝަރީއަތް ކުރިޔަށް ދިޔައިރު ފިރިމީހާގެ އަތަށް ސިއްރު ސިއްރުން ޑައެނާ ވަނީ ސިޓީއެއް ފޯރުކޮށްފަ އެވެ. މި ސިޓީގައިވަނީ ފިރިމީހާގެ ބޮލުގައި ހުރިހާ ކަމެއް އަޅުވައި އޭނާ ސަލާމަތްކޮށްދޭން އެދިފަ އެވެ.

ފަނޑިޔާރަށް ވެސް މި މަންޒަރު ފެނިފައި ވެއެވެ. އަދި ވިދާޅުވީ ފިރިމީހާ ލައްވާ ދޮގު ހައްދުވަން ޑައެނާ މަސައްކަތް ކުރީ ކަމަށެވެ.