ފިނިޕޭޖް

ދަރިއަކު ލިބޭތޯ ވަރަށް މަސައްކަތްކުރިން: ޖެނިފާ

Nov 12, 2022

ދަރިއަކު ހޯދަން ވަރަށް މަސައްކަތްކުރި ކަމަށް ބުނެ ވަރަށް އަމިއްލަ އަދި އަސަރުގަދަ ވާހަކަތަކެއް ޖެޖެނިފާ އެނިސްޓަން ދައްކައިފި އެވެ.

އެލުއާ މެގެޒިންއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ އޭނާގެ ދެ ކައިވެނީގައިވެސް ދަރިއަކު ހޯދުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި އައިވީއެފް ވެސް ހެދި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެވެ.

އޭނާއަށް ދަރިއަކު ބޭނުން ނުވާ ކަމަށާއި ކެރިއާ މާ މުހިއްމު ކަމަށް ބުނެ މީހުން ދައްކާވާހަކަތަކަކީ އަޑުއަހަން ވަރަށް ހިތްދަތި ވާހަކަތަކެއް ކަމަށްވެސް ޖެނިފާ ބުންޏެވެ.

"އަހަރެން އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން، އައިވީއެފް ހެދިން، ޗައިނީސް ސައިވެސް ބުއިން، ކުރެވެން އޮތްހާ ކަމެއް ކުރިން. އެކަހަލަ ކަންތައްތަކަކީ އަމިއްލައަށް ނުވިސްނިދާނެ ކަންތައް. މިހާރު މާލަސްވެއްޖެ،" ޖެނިފާ ބުންޏެވެ.

ޖެނިފާއަށް ދަރިއަކު ހޯދުމަށް އައިވީއެފް ހެދި ވާހަކަ ކުރިން ހާމަނުކުރީ ކީއްވެތޯ ސުވާލުކުރުމުން ޖެނިފާ ބުނީ ފިލްމީ ތަރިއަކަށް ވުމުން އޭނާގެ ހަޔާތުގެ ގިނަ ކަންތައްތައް އޮންނަނީ އާންމުވެފައި ކަމަށެވެ. އަދި މީޑިއާގައި ވަރަށް ގިނަން ހަގީގަތާ ހިލާފު ވާހަކަތައް ވެސް އޭނާއާ ގުޅުވައިގެން ދައްކާފައިވާ ކަމަށްވެސް ޖެނިފާ ބުންޏެވެ. އެހެންކަމުން ދަރިއަކު ހޯދުމަށް ކުރި މަސައްކަތުގެ ވާހަކަ ދައްކަން ކުރިން ބޭނުން ނުވީ ކަމަށް ބުންޏެވެ.

ޖެނިފާ ވަނީ ދެ ކައިވެނިކޮށް، ދެ ކައިވެނިވެސް ރޫޅިފަ އެވެ.

ފުރަތަމަ ކައިވެނި ފަސް އަހަރަށްފަހު 2005 ގައި ރޫޅިފައިވާ ސަބަބު ކަމަށް ގިނަބަޔަކު ދެކެނީ ބްރެޑް ޕިޓް، އެންޖެލީނާ ޖޯލީއާ ގުޅެން ބޭނުންވުމުން ޖެނިފާއަށް ބޭވަފާތެރިވުމުން ކަމުގަ އެވެ.

ޖެނިފާ ދެވަނައަށް ކައިވެނިކޮށްފައިވަނީ ޖަސްޓިން ތޮރޫއާ އެވެ. މިދެމީހުން ދެ އަހަރުގެ ކައިވެންޏަކަށްފަހު 2018 ގައި ވަރިވި ނަމަވެސް، ދެމީހުންގެ ގާތް ރަހްމަތްތެރިކަން އޮވެ އެވެ. ޖެނިފާގެ އިންސްތަގްރާމް ޕޯސްޓަށްވެސް ޖަސްޓިން ވަނީ ހިތްވަރު ދީފަ އެވެ.

ޖެނިފާ ކުރިއަރާފައިވަނީ މަގްބޫލް ސިޓްކޮމް "ފްރެންޑްސް"ގެ ރޭޗަލްގެ ރޯލުންނެވެ. މީގެ އިތުރުން "ބްރޫސް އޯލްމައިޓީ"، "އަލޯން ކޭމް ޕޮލީ"، "ޖަސްޓް ގޯ ވިތް އިޓް"، "ހޮރިބަލް ބޮސަސް" އަދި "މާޑާ މިސްޓްރީސް" ފަދަ ފިލްމުތައް ކުޅެފައިވެ އެވެ. ޖެނިފާއަށް ވަނީ އެމީ އެވޯޑާއި ގޯލްޑަން ގްލޯބާއި އެހެނިހެން އެވޯޑްތައްވެސް ލިބިފަ އެވެ.