ރައީސް އޮފީސް

ހާއްސަ އިނާމު ލިބުނު 65 ބޭފުޅަކަށް މެޑަލް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 65 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދީފައިވަނީ ޖުމްހޫރީ ދުވަހުގެ ޝަރަފުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ހާސިލުކުރެއްވީ 13 ހާފިޒުން ނެވެ. އެވޯޑް ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ހަގީ ބ. ތުޅާދޫ، ޑޭޒީމާގެ އަމަން އަހުމަދު އާތިފް އެވެ. އަމަން ވަނީ އުމުރުން އަށް އަހަރުގައި ގުރުއާން ހިތު ދަސްކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ނުވަ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅެކެވެ. އަދި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތެއް ހިމެނެ އެވެ.

ހުނަރުވެރި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ އދ. ދަނގެތީ، އޯޝަންވިލާ، މުހައްމަދު އަކްރަމެވެ.

އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ނެވެ.