ދުނިޔެ

"މަގާމުން ވަކިވޭ، ނޫނީ ވަކިކުރާނަން"

Nov 12, 2022

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރު ޕްރޮޓެކްޝަން ކޮމިޝަނަރު ކްރިސް މެގްނަސް މަގާމުން އިސްތިއުފާ ދެއްވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އޭޖެންސީގެ ސެކްރެޓަރީ އެލެހާންޑްރޯ މަޔޮރްކާސް އަންގާފައިވާ ކަމަށް މެގްނަސް ވިދާޅުވެއްޖެ އެވެ.

ނަމަވެސް މެގްނަސް ގެންދަވަނީ އިސްތިއުފާ ދެއްވުމަށް އިންކާރު ކުރައްވަމުންނެވެ. އަދި މެގްނަސްގެ ބެލުމުގެ ދަށުން އެމެރިކާގެ ބޯޑަރު ބެލެހެއްޓުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވެސް އޭނާ ވަނީ ދިފާއުގައި ހާމަކުރައްވާފަ އެވެ.

މެގްނަސްގެ އިސްތިއުފާއަށް ގޮވާލާފައިވަނީ އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރުން ހުއްދައާއި ނުލައި އެތެރެވަމުންދާ އެހެން ގައުމުތަކުގެ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ.

އެމެރިކާއާއި މެކްސިކޯގެ ދެމެދުގައިވާ ބޯޑަރުން ގާނޫނަށް ހިލާފަށް އެތެރެވީ ބިދޭސީންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ނިޔަލާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެމެރިކާ-މެކްސިކޯ ބޯޑަރުން 227،500 މީހުން ވަނީ ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވެފަ އެވެ.

ގާނޫނާ ހިލާފަށް އެމެރިކާ އަށް އެތެރެވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ވެނެޒުއޭލާ، ކިއުބާ އަދި ނިކަރާގުއާ އަށް ނިސްބަތްވާ މީހުންނެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރު ޕްރޮޓެކްޝަން ކޮމިޝަނަރުގެ މަގާމާ މެގްނަސް މީގެ އެއް އަހަރު ކުރިން ހަވާލުވެވަޑައިގަތީ ކުރިން ޕޮލިސް ޗީފެއްގެ ގޮތުގައި ހުންނެވުމަށްފަހު ރައީސް ޖޯ ބައިޑަންގެ އެދިވަޑައިގަތުމަކަށެވެ.

ގާނޫނާ ހިލާފަށް އެމެރިކާއަށް އެތެރެވާ ބިދޭސީންގެ މައްސަލައަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިވަގުތު އެންމެ ހޫނުކޮށް ބަހުސް ކުރެވޭ އެއް މައްސަލަ އެވެ. ޑިމޮކްރެޓުން ތުހުމަތުކުރާ ގޮތުގައި ރިޕަބްލިކަނުންގެ ތާއީދު އޮތް ސިޓީ ތަކުގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ވެހިކަލްތަކަށް އަރުވައިގެން ޑިމޮކްރެޓުންގެ ތާއީދު ބޮޑު ސްޓޭޓްތަކަށް ދަނީ ފޮނުވަމުންނެވެ. ރިޕަބްލިކަނުންގެ ބޭނުމަކީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކުރުވުން ކަމަށްވެސް ޑިމޮކްރެޓިކުން ތުހުމަތުކުރެ އެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ މިޑްޓާމް އިލެކްޝަންގައި ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ގިނަ ގޮނޑި އިދިކޮޅު ރިޕަބަލިކަން ޕާޓިއަށް ލިބިއްޖެނަމަ މެގްނަސް މަގާމުން ވަކިކުރާނޭ ކަމަށް ރިޕަބްލިކަން ޕާޓީގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.