ފިނިޕޭޖް

ސްޓްރީމިން ސާވިސަސްތަކަށް ސްޓީވަންގެ ތުހުމަތުތަކެއް

އޮންލައިން ސްޓްރީމިން ސާވިސްތަކުން ފިލްމު ހަދާ ފަރާތްތަކާ މެދު ކަންތައްކުރަނީ ނާއިންސާފުން ކަމަށް ޕްރޮޑިއުސަރު އަދި ޑައިރެކްޓާ ސްޓީވަން ސްޕީލްބާގް ތުހުމަތުކޮށްފި އެވެ.

ސްޓީވަން މިހެން ބުނެފައިވަނީ ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގަ އެވެ.

މިގޮތުން ސްޓީވަން ހާއްސަކޮށް ވޯނާ ބްރަދާސް އާއި އެޗްބީއޯ މެކްސްގެ ނަން ގަނެ، އެ ކުންފުނިން 2021 ވަނަ އަހަރު ރިލީޒްކުރި ހުރިހާ ފިލްމެއް ތިއޭޓަރުތަކުގައި އެޅުވުމާއެކު ސްޓްރީމިން ސާވިސްގައިވެސް ރިލީޒްކޮށްފައިވާކަން ފާހަގަކުރި އެވެ.

ސްޓީވަން ބުނީ 2020 ގައި ކޯވިޑް-19 ގެ ޕެންޑެމިކް ތެރޭގައި ފިލްމްތައް ސްޓްރީމިން ސާވިސްތަކަށް ބަދަލުކުރުމަކީ ފިލްމު އިންޑަސްޓްރީއަށް އަނބުރާނުލެވޭނެ ފަދަ ބަދަލެއް ގެނައި ކަމެއް ކަމަށެވެ.

"ޕެންޑެމިކްގެ ސަބަބުން ސްޓްރީމިން ސާވިސަސްތަކަށް ރިކޯޑް ބްރޭކްކުރާ އަދަދަށް ސަބްސްކްރިޕްޝަންތައް އިތުރުކުރަން ފުރުސަތު ލިބުނު އަދި އަހަރެންގެ އެކުވެރި އެންމެ މޮޅު ފިލްމު ހަދާ މީހުންނަށް ލަނޑެއްދީ، ފިލްމުތައް ސިނަމާތަކުގައި އެޅުވުމުގެ ބަދަލުގައި ސްޓްރީމްކުރީ،" ސްޓީވަން ސްޕީލްބާގް ބުންޏެވެ.

ސްޓީވަން ބުނީ މިސާލަކަށް އެޗްބީއޯ މެކްސް ފިލްމު ހަދާ މީހުންނަށް ފައިސާ ދީފައި، އެ ފިލްމްތައް ސްޓްރީމްކުރީމަ ހުރިހާ ކަމެއް ބަދަލުވާ ކަމަށެވެ.

ސިނަމާތަކަށް ގޮސް ފިލްމު ބެލުމަކީ ވަރަށް ހާއްސަ ތަޖުރިބާއެއް ކަމަށާއި، ސިނަމާގައި ބައިވަރު ނުދަންނަ މީހުންނާއެކު ބޮޑު ސްކްރީނެއްގައި ފިލްމު ބަލުމުގެ އިހްސާސް ސްޓްރީމް ކުރުމުން ނުލިބޭނެ ކަމަށެވެ. އެކަން އުވި ދާތީ ކަންބޮޑުވާ ކަމަށްވެސް ސްޓީވަން ބުންޏެވެ. އަދި ސިނަމާއަށް ގޮސް، ފިލްމު ނިމެންދެން މީހުން ތިބެ، ފިލްމް ނިމިގެން ބޮކިތައް ދިއްލާއިރު ފިލްމުގެ ރީތިކަމާއި މޮޅުކަމަށް ވާހަކަދެއްކުމަކީ އެފިލްމުގެ މައްޗަށް އޮތް ކަމެއް ކަމުގައިވެސް ސްޓީވަން ބުންޏެވެ.

ސްޓީވަން ސްޕީލްބާގްއަކީ "އީޓީ"، "ޖޯޒް"، "ޝިންޑްލާސް ލިސްޓް"، "އިންޑިއާނާ ޖޯންސް"، "ސޭވިން ޕްރައިވެޓް ރަޔާން" ފަދަ އޮސްކާ އަދި އެހެނިހެން އެވޯޑް ލިބިފައިވާ ފިލްމު ހަދާ މަޝްހޫރު ޕްރޮޑިއުސަރެކެވެ.

ސްޓީވަންގެ އެންމެ ފަހުގެ ފިލްމް "ދަ ފޭބަލްމަންސް" ބައެއް ސިނަމާތަކުގައި އިއްޔެ އަޅުވާފައިވާއިރު، މި ފިލްމު އާންމުކޮށް ސިނަމާތަކުގައި އަޅުވާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. މިއީ ސްޓީވަންގެ ހަޔާތާ ގުޅުވައިގެން ހެދި ފިލްމެކެވެ.