ފިނިޕޭޖް

ޕެރެމައުންޓްއިން "ސްޕޮންޖްބޮބް"ގެ އާ ފިލްމެއް ނެރެނީ

ސްޕޮންޖްބޮބް ފިލްމެއް މެއި 23، 2025 ގައި ނެރޭނެ ކަމަށް ޕެރެމައުންޓް ޕިކްޗާސް އިން ބުނެފި އެވެ.

ނިކަލޯޑިއަންގެ ސްޕޮންޖްބޮބް އަކީ ކުޑަކުދިންނަށް މަގުބޫލް ކާޓޫން ސީރީޒެކެވެ. އަދި މިހާތަނަށް މި ކާޓޫނުގެ ތިން ފިލްމު ހަދައި، މިހާތަނަށް 470 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ސްޕޮންޖްބޮބްގެ އެންމެ ފަހުގެ ފިލްމް ޕެންޑެމިކް ތެރޭގައި ރިލީޒްކުރުމުން، އެހެން ފިލްމްތަކާ އަޅާބަލާއިރު އެހާ ބޮޑު ފައިދާއެއް ނުލިބެ އެވެ.

ސްޕޮންޖްބޮބްގެ އެންމެ ކާމިޔާބު ފިލްމަކީ އޭގެ ދެވަނަ ފިލްމް " ސްޕޮންޖްބޮބް މޫވީ: ސްޕޮންޖް އައުޓް އޮފް ވޯޓާ" އެވެ. މި ފިލްމަށް ވަނީ 325 މިލިއަން ޑޮލަރު ލިބިފަ އެވެ.

ސްޕޮންޖްބޮބްގެ އާ ފިލްމެއް ނެރުމަށް ޕްރޮޑަކްޝަން ކުރިއަށްދާއިރު، ނިކަލޯޑިއަން އިން ސްޕޮންޖްބޮބްގެ ކާޓޫން ސީރީޒް ވަނީ އިތުރު ސީޒަނަކަށް އާ ކޮށްފަ އެވެ.

ސްޕޮންޖްބޮބް އަކީ ކަނޑުއަޑީގައި ބިކީނީ ބޮޓަމް ކިޔާ ތަނެއްގައި އަލަނާސިއެއްގެ ގޮތުގައި ހަދާފައިވާ ގެއެއްގައި ދިރިއުޅޭ ސްޕޮންޖެކެވެ.

ސްޕޮންޖްބޮބްގެ އެންމެ ގާތް އެކުވެރިއަކީ ޕެޓްރިކް ދަ ސްޓާފިޝް އެވެ. ޕެޓްރިކްގެ އިތުރުން ސޭންޑީ ސްކުއަރެލްއަކީވެސް ސްޕޮންޖްބޮބްގެ ރައްޓެއްސެކެވެ.

ސްޕޮންޖްބޮބް މަސައްކަތްކުރަނީ ކަރަސްޓީ ކްރޭބް ކިޔާ ބާގާ ރެސްޓޯރަންޓެއްގަ އެވެ. ސްޕޮންޖްބޮބްގެ އަވަށްޓެރި އަދި ކޮލީގް ސްކުއިޓްވޯޑް އަކީ ސްޕޮންޖްބޮބްއާ ހެދި އަބަދު އުނދަގޫވާތީ އުޅޭ، ސްޕޮންޖްބޮބް ނަފްރަތުކުރާ އޮކްޓޮޕަސް އެކެވެ.

ސްޕޮންޖްބޮބްގެ ހޮބީއަކީ ޕެޓްރިކްއާއެކު ޖެލީފިޝް ހިފަން ދިއުމެވެ.