ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޚާއްސަ ރިޔާސީ ގަރާރަކުން އިޒްރޭލަށް ސަފީރަކު އައްޔަން ކުރައްވައި އެ މަގާމަށް ޝާކީރު އޮޒްކާން ޓޮރުންލާރު ހަމަޖައްސަވައިފި އެވެ.
ޝާކިރު އޮޒްކާން އަކީ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ސަރުކާރުގެ ވެރިންނަށް ލަފާއަރުވާ ބޯޑުގެ މެމްބަރެކެވެ. ތުރުކީގެ ފަލަސްތީން ސަފީރުގެ މަގާމު ވެސް އޭނާ ކުރިން އަދާކުރެއްވި އެވެ.
ތުރުކީއާ އިޒްރޭލާ ދެމެދު ގުޅުން އެންމެ ބޮޑަށް ގޯސްވެގެން ގޮސްފައި ވަނީ 2010 ގައި ތުރުކީން ފަލަސްތީންގެ ޣާޒާއަށް ދަތުރުކުރި ބޯޓަކަށް އިޒްރޭލު ސިފައިން އަރައި އޭގައި ތިބި އޮފިޝަލުން ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެ ބޯޓަކީ ފަލަސްތީންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ތުރުކީން އެހީ ހިފައިގެން ދަތުރުކުރި ބޯޓެކެވެ. އެހެން ނަމަވެސް ތުރުކީއަށް އެނގުމެއް ނެތި ހެލިކޮޕްޓަރާއި ސްޕީޑް ބޯޓުގައި އިޒްރޭލު ސިފައިން އެ ބޯޓަށް ރަރައި 10 މީހަކު ވަނީ މަރާލާފަ އެވެ.
މި ހާދިސާއަށް ފަހު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހު، ގުޅުން އާކުރަން ދެ ގައުމުން އެކި ފަހަރު މަތިން ވަނީ މަސައްކަތްކޮށްފަ އެވެ.
އެހެން ނަަމަވެސް ތުރުކީ ބުނެފައި އޮތީ އިޒްރޭލުން ރަސްމީކޮށް މާފަށް ނޭދޭހާ ހިނދު ގުޅުން ކުރިން އޮތް ގޮތަށް ރުޖޫއަނުކުރާނެ ކަމަށެވެ.
އިޒްރޭލާ އެކު ތުރުކީ މި ފަހުން ގުޅުން ބަދަހިކުރީ އަރަބި އެކުވެރި ގައުމުތަކުން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކޮށް ވިޔަފާރީގައި އެއްބާރުލާން ފެށިފަހުންނެވެ.
އެ ގޮތުން ދެ ގައުމުގެ ދެމެދުގައި ގާތް ވާހަކަތައް ދެކެވި ސަފީރުން ކަނޑައަޅާ ފެންވަރަށް ގުޅުން ހަރުދަނާވީ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ވެސް ވަނީ އިޒްރޭލާ އެކު ގުޅުން ބަދަހިކޮށް ސަފީރުން އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ޚަބަރާ އެކު ތުރުކީ އާއި ފަލަސްތީނާ ދެމެދު އޮންނަ ގުޅުމަށް ކޮންމެވެސް ވަރެއްގެ ދެރަކަމެއް އަތުވެދާނެ ކަމަށް ބެލެވުނެވެ.
އެހެން ނަމަވެސް އުރުދުޣާން ވިދާޅުވީ ފަލަސްތީނަށް ދެރަވާ ގޮތަށް ތުރުކީން އެއްވެސް ކަމެއް އިޒްރޭލާ އެކު ނުކުރާނެ ކަމަށެވެ.
އަދި އިޒްރޭލާ އެކު ގުޅުން ބަދަހިކުރުމުގައި ފަަލަސްތީނަށް އޮތީ ހެޔޮ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލާ ގުޅުން ގާޢިމުކުރަން ތުރުކީން ނިންމުމާ ގުޅިގެން ހިނގާދިޔަ ޚީލާފުތައް ފަސޭހަކުރުމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއަށް ތުރުކީން ޚާއްސަ ދައުވަތެއް ދެއްވި އެވެ.
އަދި މަޝްވަރާތަކަށް ފަހު މަސްރަހު މިހާރު އޮތީ އޮމާންވެފަ އެވެ.