ދުނިޔެ

ރަޝިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެވިދާނެ: ކުލެބާ

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއާ މަޝްވަރާ ކުރެއްވުމަށް އެއްމޭޒު ދޮށަށް ވަޑަައިގެންނެވިދާނެ ކަމަށް ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރީ ކުލެބާ ވިދާޅުވެއްޖެ އެވެ.

ކުލެބާ ވިދާޅުވި ގޮތުގައި ރަޝިއާ ބުނާހާ ބަހަކަށް އާނހޫން ނުކިޔެއް ކަމަކު -- ރަޝިއާއިން ޝައުގުވެރިވާނަމަ ފޮރިން މިނިސްޓަރުންގެ ފެންވަރުގައި މަޝްވަރާ ކުރެއްވިދާނެ އެވެ.

ޔުކްރޭންގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ކެމްބޯޑިއާގައި މިހާރު ކުރިއަށްދާ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭސިއަން ނޭޝަންސް (އާސިއަން) ސަމިޓްގެ ހަވާސާގައި ނޫސްތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ކުލެބާ ވިދާޅުވި ގޮތުގައި ސަރުގޭ ލަވްރޯފްގެ ފަރާތުން ދައުވަތެއް އަދި ނެތެވެެ. އެހެން ނަމެސް އޭނާ ވިދާޅުވީ ރަޝިއާއިން ސިގްނަލެއް ދީފި ނަމަ ސިގުނަލްގެ ކުލައަށް ބަލާފައި މަޝްވަރާއަށް ވަޑައިގަންނަވާެނެ ކަމަށެވެ.

ޔުކްރޭންގެ ވަޒީރަކު މި ގޮތަށް ވާހަކަދައްކަވާފައި މި ވަނީ ރަޝިއާއާ މަޝްވަރާ ކުރަން އިސްނަގަން ޖެހޭނީ ޔުކްރޭން ކަމަށް ބުނެވެމުންދާ ދަނޑިވަޅެއްގަ އެވެ.

އަނެއްކޮޅުން ރަޝިއާއާ މަޝްވަރާކުރަން އެމެރިކާއިން ޔުކްރޭނަށް ބާރުއަޅައި ވައިޓް ހައުސްއިން ވެސް ވާހަކަދައްކާފައި ވަނިކޮށެވެ.

ވައިޓް ހައުސްއިން ބުނީ ރަޝިއާއާ މަޝްވަރާކުރަން ޔުކްރޭނަށް ބާރުއަޅައި ޕްރެޝަރު ނުކުރިއެއްކަމަކު ޔުކްރޭނަށް ހެޔޮ ގޮތް ޔުކްރޭނަށް އެނގެން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް، ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ކުރިން ވިދާޅުވި ގޮތުގައި ރަޝިއާގައި ޕޫޓިން ހުންނެވިހާ ހިނދު މަޝްވަރާއެއް ނުކުރައްވާނެ އެވެ. އަދި މަޝްވަރާއަށް ޔުކްރޭން ދާނީ ރަޝިއާ ހިފާފައި އޮތް ހުރިހާ ބިމެއް ދޫކޮށްލުމުންނެވެ.

މިކަމާ ގުޅިގެން ރަޝިއާއިން ބުނީ ޔުކްރޭންގެ ޚަރުސޮން ސިޓީގެ އެއްފަޅިން ރަޝިއާ ސިފައިން ބޭލީ މަޝްވަރާއަށް ފުރުސަތު ހޯދަން ނޫން ކަމަށެވެ. އަދި އެއީ ގޮތް ހުސްވެގެން ކުރި ކަމެއް ނޫން ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

ޚަރުސޮންއިން ފޭބި ނަމަވެސް، އެއީ ރަޝިއާގެ ސަރަހައްދެއް ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ. ހާލަތު ދިމާކުރާ ގޮތުން އެ ސިޓީން އަލުން ހިފުމަކީ ވެސް އޮތް ފުރުސަތެއް ކަަމަށް ވެސް ރަޝިއާ ބުނެ އެވެ.