އުމަރު ނަސީރު

ނަޝީދު ޖަލުން ވަޑައިގަންނަވަންޖެހޭނީ އެއާޕޯޓަށް މަގަކަށް ނުނުކުމެވޭނެ: އުމަރު

Jan 18, 2016
2
  • ވަކީލުން ނަޝީދާ ބައްދަލު ކުރެއްވުން ބަންދެއް ނުވޭ
  • ލިޔުމުގައި ނަޝީދު ވަނީ ސޮއި ކުރައްވާފައި
  • މިހާރު އިންތިޒާރު ކުރަނީ ޒިންމާވާ ފަރާތުގެ ސޮޔަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ދިން ހުއްދައަށްފަހު ދިމާވެގެން އުޅެނީ "ވަރަށް އާދައިގެ މައްސަލައެއް" ކަމަށާއި އެ މައްސަލަ އުފައްދައިގެން އުޅެނީ ރައީސް ނަޝީދު ވަކީލު ހަސަން ލަތީފުގެ ހާޒިރުގައި ޖަލުން ނުކުމެ ވަޑައިގެން މަގުމައްޗަށް މީހުން އެއްކޮށް ސަލާމް ކުރަމުން ދާ މަންޒަރު ޓީވީން ލައިވް ނުކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ ފުރާ ވަޑައިގަތުމުގެ ލިޔުމުގައި ރައީސް ނަޝީދު މިހާރު ސޮއި ކުރައްވާފައިވާ ކަމަށާއި އާއިލާއިން ޒިންމާވާ ފަރާތަށް ވެސް ލިޔުމުގައި ސޮއި ކުރަން ގަޑި ކިޔައި އަންގާފައިވާނެ ކަމަށެވެ. އަދި އެ ލިޔުމުގައި ދެ ފަރާތުން ސޮއި ކުރުމަށްފަހު ފުރަ ވަޑައިގެންނެވޭނެ ކަމަށެވެ.

"އެކަމަކު އެހެން ކަމެއް ރާވައިގެން އެކަން ނުކުރެވިގެން ހުރިހާ މައްސަލަަތަކެއް ރައީސް ނަޝީދުގެ ފަރާތްޕުން ފެންމަތި ކުރުވަނީ. ބޭނުންވެގެން އުޅޭ ގޮތަކީ [ވަކީލު] ހަސަން ލަތީފާއި ރައީސް ނަޝީދުގެ އެހެން ގާނޫނީ ވަކީލުން ތިބެގެން ޖަލުން ނުކުމެގެން މަގުތަކަށް މީހުން އެއްކޮށްގެން ސަލާމް ކުރަމުން ރާއްޖެ ޓީވީން އެމަންޒަރު ލައިވް ކުރަން. އެ ފުރުސަތު ނުދީގެން މިއުޅެނީ. އެހެނެއް އެކަމެއް ނުވާނެ. ދެ ފަރާތުން ސޮއި ކުރައްވާފައި މިހާރު ވެސް ފުރާ ވަޑައިގަންނަވަންވީ. ފުރަވަޑައިގަތުމަށް އޮންނާ އުސޫލަކީ ސީދާ ޖަލުން އެއާޕޯޓަށް އެނޫން ގޮތެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިއަދުވެސް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެއީ ގެރެންޓީދޭ ފަރާތުން ސޮއި ކުރެއްވުން ކަމަށާއި ލަފާވާ ގޮތުން މިއަދު އެ ސޮއި ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސޮއި ނުކޮށްފިނަމަ ހެކިންގެ ހާޒިރުގައޮ އިގްރާރު އިއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވަކީލުންނަށް ނަޝީދުއާ ބައްދަލު ކުރުމުގެ ފުރުސަތު މިއަދު ބަންދުކޮށްލާފައިވާ ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވެފައިވާތީ އުމަރު ވިދާޅުވީ ވަކީލުންނަށް ނަޝީދާ ބައްދަލު ކުރުމުގެ ފުރުސަތު ބަންދުކޮށްފައި ނުވާނެ ކަމަށާއި ކުރިން ވެސް އޮތް ގޮތަށް މިހާރު ވެސް ބައްދަލު ކުރެވޭނެ ކަމަށެވެ.

"މި ކަމުގައި ނޫޅޭ މާ ބޮޑު މައްސަލައެއް ވަކި ގޮތެއް ބޭނުންވެގެން އުޅޭތީ އެކަމަށް މަގުފަހި ނުވެގެން މައްސަލަތައް އުފައްދައިގެން އުޅެނީ، ވަކީލުންނަށް ވެސް ބައްދަލު ކުރެއްވޭނެ،"

ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި އޮޕަރޭޝަނެއް ކުރައްވަން ވަޑައިގަތުމަށް ސަރުކާރުން ދީފައި ވަނީ 30 ދުވަހެވެ. ނަމަވެސް އޭގެ ފަހުން ޑޮކަޓަރު ލަފާ ދެއްވައިފިނަމަ 45 ދުވަސް އިތުރު ކުރެއްވޭ ގޮތަށެވެ. ކަރެކްޝަނުން ބުނާ ގޮތުން އެ ހުއްދަނީ ނަޝީދުގެ ފަރާތްޕުޅުނާއި ޒިންމާވާ އާއިލާގެ މެންބަރަކު އިގްރާރުގެ ލިޔުމުގައި ސޮއި ކުރާ ގޮތަށް ކަމަށެވެ.

ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން ބުނެފައި ވަނީ ނަޝީދު ބޭނުންފުޅުވަނީ ޝަރުތަކާއި ނުލައި މުއްދަތެއް ނެތްގޮތަށް ބޭސް ފަރުވާއަށް ވަޑައިގަތުމަށް ކަމަށާއި އަދި އެއްވެސް މީހަކު ޒިންމާ ކުރުވާފައި ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށާއި އެ ޝަރުތަކީ ސަރުކާރުން ފަހުން އިތުރުކޮށްފައިވާ ޝަރުތެއް ކަމަށެވެ.