ފިނިޕޭޖް

"ދަ ޓާމިނަލް" އިންސްޕަޔާކުރި މީހާ މަރުވެއްޖެ

ސްޓީވަން ސްޕްލްބާގް އާއި ޓޮމް ހޭންކްސްގެ 2004 ގައި ނެރުނު "ދަ ޓާމިނަލް" ފިލްމް އިންސްޕަޔާކުރި މީހާ މަރުވެއްޖެ އެވެ.

އިރާންގެ މެރްހާން ކަރީމީ ނަސޭރީ އަކީ 1988 އިން 2006 އާ ހަމައަށް، 18 އަހަރު ވަންދެން ފްރާންސްގެ ޕެރިސްގެ ޗާލްސް ޑި ގޯލް އެއާޕޯޓްގެ ޓާމިނަލް 1 ގައި ދިރިއުޅުނު މީހެކެވެ.

ނަސޭރީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން އެ އެއާޕޯޓްގެ ޓާމިނަލް 2 އެފްގައި އިއްޔެ މެންދުރު އެވެ. އޭނާއަށް ޕޮލިސްއާއި މެޑިކަލް ޓީމުން ފަރުވާ ދިން ނަމަވެސް އޭނާ ސަލާމަތްކުރެވިފައެއް ނުވެ އެވެ.

ނަސޭރީ މަރުވިއިރު އުމުރަކީ 80 އަހަރު ކަމަށް ބެލެވެ އެވެ. ވޭތުވެ ދިޔަ ހަފްތާތަކުގައި ނަސޭރީ އަނބުރާ އެއާޕޯޓަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

1988 ގައި ނަސޭރީ ބްރަސަލްސް އިން ލަންޑަނަށް ޕެރިސް މެދުވެރިކޮށް ދިޔަ އެވެ. އެހެންނަމަވެސް ނަސޭރީގެ ރެފިއުޖީ ޕާސްޕޯޓް ގެއްލުމުގެ ސަބަބުން އޭނާ ޕެރިސްއަށް އަނބުރާ ފޮނުވާލި އެވެ. ލިޔެކިއުންތައް ނެތުމުން ފްރާންސަށް އެތެރެވުން މަނާކުރުމުން، ނަސޭރީ، އެއާޕޯޓްގައި 2006 ވަނަ އަހަރާ ހަމައަށް ދިރިއުޅެމުން ދިޔަ އެވެ.

އޭނާ ޖުލައި 2006 ގައި ބަލިވުމުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު އެކި ޗެރިޓީ ޝެލްޓާތަކަށް ބަދަލުކުރި އެވެ. ޕެރިސް ތެރޭގައި ނަސޭރީއަށް މިނިވަންކޮށް އުޅެވުނަސް، އޭނާ މަރުވިއިރުވެސް ދާން ބޭނުންވި ލަންޑަނަށް ދެވޭގޮތެއް ނުވި އެވެ.

ނަސޭރީއަށް ދިމާވި މައްސަލައަށް އިންސްޕަޔާވެގެން ސްޓީވަން ސްޕީލްބާގް ހެދި "ޓާމިނަލް" ވަނީ ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމަކަށްވެ، 219 މިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ހޯދާފަ އެވެ.

މި ފިލްމްގައި ޓޮމް ހޭންކްސް އަދާކުރީ ކްރަކޯޒިއާ ކިޔާ އިރުމަތީ ޔޫރަޕްގެ ގައުމެއްގެ ވިކްޓާ ނަވޯސްކީ ކިޔާ މީހެއްގެ ރޯލެވެ.

ވިކްޓާ، އެމެރިކާގެ ޖޯން އެފް. ކެނެޑީ އެއާޕޯޓަށް ލޭންޑް ކުރާތަނުން އެނގެނީ އޭނާގެ ގައުމުގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލުމުން އެކަން އެމެރިކާއިން ބަލައިނުގަންނަ ކަމެވެ. ވިކްޓާގެ ޕާސްޕޯޓް ސައްހަ ކަމަށް ބަލައިނުގަންނާތީ، ވިކްޓާ އަށް އެމެރިކާ އަށް ނުވަދެވޭތާނގައި އޭނާއަށް އަނބުރާ ކްރަކޯޒިއާ އަށްވެސް ނުދެވެ އެވެ. އެހެންކަމުން އެ މައްސަލަ ހައްލު ވަންދެން ވިކްޓާ ރެފިއުޖީއަކަށްވެ، އެއާޕޯޓްގައި ދިރިއުޅެން ފަށަ އެވެ.

މި ފިލްމްގައި ޓޮމް ހޭންކްސްގެ އިތުރުން ސްޓޭންލީ ޓޫޗީ، ކެތަރިން ޒީޓާ ޖޯންސް، ޑިއޭގޯ ލޫނާ، ޒޯއީ ޒަލްޑާނާ ފަދަ ތަރިންވެސް ހިމެނެ އެވެ.