ދުނިޔެ

ރަޖިވް ގާންދީ އަވަހާރަކޮށްލި މީހުން އާއިލާ ގާތަށް

Nov 19, 2022

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރިކޮށްލި މައްސަލައިގައި ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އެންމެން ދޫކޮށްލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އެ މީހުން އާއިލާތަކާ ހަވާލުކޮަށްފި އެެވެ.

ޖަލުން އެންމެން ފަހުން މިނިވަންކުރި ހަ މީހުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރީ އެ މީހުން ޖަލުގައި ތިބޭތާ 30 އަހަރުވުމާ ގުޅިގެން އެއީ ކުށެއްގެ އަދަބަށް އެކަށީގެންވާ މުއްދަތެއް ކަމަށްވެފައި އެމީހުންގެ އަހްލާގަށް ހެޔޮ ބަދަލެއް އައިސްފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ކަނޑައެޅުމަށްފަހު އެެވެ.

ޖަލުން ދޫކޮށްލި ހަ މީހުންގެ ތެރެއިން ނިލައިނީ ސްރީހަރަން އާއި އޭނާގެ ފިރިމީހާ މުރުގަން އަދި ސަންތަން ކިޔާ މީހަކު ހުކުމް ތަންފީޒު ކުރީ ޗެންނާއިއާ 140 ކިލޯމީޓަރު ދުރުގައިވާ ވެއްލޯރުގައިވާ ޖަލެއްގަ އެވެ. ބާކީ ތިބި ރޮބާޓް ޕެއިސް، ޖައިކުމާރު އަދި ރަވިޗަންދުރަން ހުކުމް ތަންފީޒު ކުރީ ޗެންނާއި އަދި މަދުރާއިގައިވާ ޖަލުތަކެއްގަ އެވެ.

ރަޖީވް ގާންދީއަށް ހަމަލާ ދިން މީހުންގެ ތެރެއިން ޖަލުގައި އެންމެ ފަހުން ތިބި ހަ މީހުން ދޫކޮށްލާފައި މިވަނީ އެމީހުންނަށް އިއްވި މަރުގެ ހުކުމް ގިނަ އަހަރުތަކަކު ތަންފީޒު ކުރުމަށްފަހު އެވެ. ރަޖީވް ގާންދީގެ ގާތިލުން މިނިވަންކުރުމާ ގުޅިގެން އިންޑިއާގެ ކޮންގްރެސް ޕާޓީގެ ބައެއް މެންބަރުން ވަނީ ކޯޓުގެ ހުކުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ސްރީހަރަން ބުނީ އަލުން މުޖުތަމައުގެ ތެރެއަށް އާއިލާއާއި އެކު ނިކުމެވުމަކީ އާދިރިއުޅުމެއް އުޅެން ލިބުނު ފުރުސަތެއް ކަމުގަ އެވެ. އަދި މި ވޭތުވެދިޔަ 30 އަށް ވުރެ ގިނަ އަހަރު ޓަމިލް ދަރިފަސްކޮޅުން އޭނާ އަށް ދިން އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށް ބުންޏެވެ.

ރަޖީވް ގާންދީ އުމުރުން 46 އަހަރުގައި 1991 ވަނަ އަހަރު އަވަހާރަކޮށްލީ އިންތިހާބުގެ ކެމްޕެން ހަރަކާތެއްގައި އިންޑިއާގެ ހުޅަނގުގައިވާ ޓަމިލްނާޑޫ ސްޓޭޓަށް ވަޑައިގެން އުޅުއްވަނިކޮށް ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތް -- ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމަށް ނިސްބަތްވާ ބަޔަކު ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއެއްގަ އެވެ.

ރަޖީވް ގާންދީގެ ގާތިލުން މިނިވަންކޮށްފައި މިވަނީ ބައްޕާފުޅު އަވަހާރަކޮށްލި ކުށްވެރިންނަށް މައާފް ކުރައްވާފައިވާ ކަމަށް ރަޖީވްގެ ދަރިކަލުން ރާހުލް ގާންދީއާއި ދަރިކަނބަލުން ޕްރިޔަންކާ ގާންދީ ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ.