ބަޖެޓު 2023

ބަޖެޓަށް ދިން ލަފާ ސަރުކާރު މެންބަރުންނަށް ކަމަކު ނުދިޔަ

Nov 13, 2022
5

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވާ ގޮތާ މެދު އެމްއެމްއޭ އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ނުރުހިއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭ އިން ލަފާ ދީފައިވާ ކަމުގެ ހަގީގަތް ބަލައި ނުލާ ކަމަށެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަށް ބަލާއިރު ދަތިތަކުގެ ތެރެއިން ވެެސް ރާއްޖޭގެ އިގްތިސާދު މެނޭޖުކުރާލެއް ރަނގަޅުކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެކަމުގެ ހެކި އޭނާ ދެއްކެވީ އެހެން ގައުމުތަކާއި ރާއްޖޭގެ އިންފްލޭޝަން އަޅާ ކިޔުއްވަމުންނެވެ. އެގޮތުން ޖަޕާންގެ އިންފްލޭޝަން ހުރީ 9-11 ޕަސަންޓްގައި ކަމަށްވީ ނަމަވެސް ރާއްޖޭގެ އިންފްލޭޝަން މިވަގުތު ވެސް އުޅޭނީ ތިން ޕަސަންޓާއި ހަތަރު ޕަސަންޓާ ދޭތެރޭގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ބޭރު ފައިސާ މާރުކުރާ އަގުވެސް އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ރަނގަޅު އަދަދެއްގައި ހިފަހައްޓާފައި ހުރި ކަމަށްވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑަކަށް އެންމެ ގަބޫލެއް ނުކުރެވޭ މިއީ ތިބޭފުޅުން [އެމްއެމްއޭ]ގެ އެންމެ ރަނގަޅު ލަފައެއް ކަމަކަށް،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ސިފަ ކުރެއްވި ގޮތުގައި އެމްއެމްއޭ އިން ދީފައިވަނީ ސިޔާސީ ލަފަ އެކެވެ. އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ރިޒާވް ވަރަށް ބޮޑަށް ދަށްވެގެން ދިޔައިރު އޭރު އެ ވާހަކަނުދައްކަވާ މިއަދު ރިޒާވްއާ ޓެކްސްގެ ވާހަކަދައްކަވާތީ ޔައުގޫބް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިހާރު ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަނީ ހަރުދަނާ ގޮތެއްގައި ކަމަކަށް ވެސް ޔައުގޫބް ގަބޫލެއް ނުކުރައްވަ އެެވެ.

"އޭރު ރިޒާވް 32 މިލިއަނަށް ވެއްޓުނު. ފިނޭންސް މިނިސްޓަރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ތިއްބެވި ބޭފުޅުން އެ ވާހަކަ ވިދާޅެއް ނުވޭ،" ޔައުގޫބް ވިދާޅުވި އެވެ.

ހަނިމަދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެހެން ގައުމުތަކުގެ އިންފްލޭޝަން ބަލައި މިންގަނޑަށް ރާއްޖޭގެ އިންފްލޭޝަން ނުބެލޭނެ ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަން ފާހަގަކުރައްވާ ޣަފޫެރު ވިދާޅުވީ އެމްއެމްއޭ އިން ބަޖެޓަށް ލަފާ ދެއްވަން ވާނީ އެފަދަ ކަންކަމަށް ބަލައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިއީ އެއް ފަރާތަކަށް ޖެހިފައި އޮތް ލަފައެއް،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ޣަފޫރު ވިދާޅުވި އެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ގަވަރުނަރު ވިދާޅުވީ އެމްއެމްއޭ އިން ދީފައިވަނީ ކަމުގެ ހަގީގަތާ އެއްގޮތަށް ޕްރޮފެޝަނަލް ލަފައެއް ކަމަށެވެ. ލަފާ ދީފައިވަނީ ދައުލަތަށް ލިބޭ އާމްދަނީއާ ހަރަދަށް ބަލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"[މިއީ ވަކި ފަރާތަކަށް ބުރަވެގެން ދީފައިވާ ލަފައެއް ނޫން،" ހާޝިމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށްޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރަން ހިމަނާފައިވާތީ އެކަމުގައިވެސް ގަވަރުނަރު ވާހަކަދެއްކެވި އެވެ. އެގޮތުން ވިދާޅުވީ އެއީ ޓެކްސް ބޮޑުކުރުން އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިވަގުތަށް އެކަން ކޮށްފިނަމަ ބޭރު ފައިސާ މާރުކުރާ އަގަށް ބަދަލު އަންނަ ނަމަ އެކަން މެނޭޖުކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ. ޓެކްސް ބޮޑުކުރުމާ ހިޔާލު ތަފާތުވާ ހަމައެކަނި ކަމަކީވެސް ވަގުތާއި ހާލަތު ކަމުގައިވެސް ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 42.7 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާއިރު 40.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.