ސްޓެލްކޯ

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރަށް ރައީސް ދެކަނބަލުން ޒިޔާރަތްކުރައްވައިފި

Nov 13, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފި އެވެ.

މި ސެންޓަރު ހުޅުވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް އިޖުތިމާއީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުންނެވެ.

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރ ހުޅުވާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ.

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު ގާއިމުކޮށްފައިވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގަ އެވެ.

މި ސެންޓަރަކީ އުމުރުން ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ.

ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00އާ ހަމައަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރަޖިސްޓަރކޮށްފަ އެވެ.

ސްޓެލްކޯ އިން ބުނާ ގޮތުގައި މި ސެންޓަރުގައި ހިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ހާއްސަ ތަމްރީންތައް ލިބިފައިވާ ގާބިލް ފަރާތްތަކެކެވެ. އަދި މި ސެންޓަރު ފަރުމާކޮށްފައިވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާހައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މި ސިޔާސަތުތަކުގެ ދަށުން ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު ހަމަސް ދުވަހުގެ މެޓާނިޓީ ލީވް ލިބޭނެ ގޮތާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދެއްވާފަ އެވެ.