ލައިފްސްޓައިލް

9 ޖަހަންދެން ފިރިމީހާއަށް ގޭން ބޭރުގައި އުޅުމުގެ ހުއްދަ ދީފި

އިންޑިއާގެ ކެރެލާގައި އަލަށް ކައިވެނިކުރި އަންހެނަކު އޭނާގެ ފިރިމީހާއާއެކު ކޮންޓްރެކްޓެއް ހަދައި އޭގައި ސޮއިކޮށްފި އެވެ.

މި ކޮންޓްރެކްޓްގައި ލިޔެފައިވާ ގޮތުގައި ފިރިހެންމީހާ އަށް ރޭގަނޑު 9.00 ވަންދެން ރަަށްޓެހިންނާއެކު ބޭރުގައި އުޅުމުގެ "ހުއްދަ" އަންހެން މީހާ ވަނީ ދީފަ އެވެ. އަދި އެ ގަޑީގައި އަންހެން މީހާ އެއްގޮތަކަށް ވެސް ފިރިމީހާގެ ފޯނަށް ނުގުޅަން ވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ.

މިއީ ފިރިހެން މީހާގެ އެކުވެރިން ރޭވި މޮޅު ރޭވުމެއްގެ ދަށުން އަންހެން މީހާ ލައްވާ ސޮއި ކުރުވި ކޮންޓްރެކްޓެކެވެ.

އިންޑިއާގެ މީހުންގެ މެދުގައި މަގްބޫލު ވާހަކައެއް އޮވެ އެވެ. ކައިވެންޏަށްފަހު ކުރިން އުޅުނު ގޮތަށް ފިރިހެން މީހާ އަށް އޭނާގެ އެކުވެރިންނާއެކު ނޫޅެވޭނެ ކަމާއި އެމީހުންނާއެކު ހޭދަކުރާނެ ވަގުތު ނުދެވޭނެ ކަމަށް ބުނާ ވާހަކަ އެވެ. އެހެންވެ ފިރިމީހާއަށް ވެސް ކައިވެންޏަށްފަހު މިގޮތަށް ދިމާވާނެކަމަށް ގަބޫލުކުރެވޭތީ ދުރާލާ އޭނާގެ އަލަތު އަނބިމީހާ އަށް ކޮންޓްރެކްޓް ހަދައި ސޮއި ކުރުވީ އެވެ.
އިންޑިއަން އެކްސްޕްރެސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި ކޮންޓްރެކްޓްގައި 50 ރުޕީސްގެ ސްޓޭމްޕެއް ވެސް ޖަހައި މިއަށް ރަސްމީ ސިފައެއް ވެސް ވަނީ ގެނެއްސަ އެވެ.

އަލަތު ކައިވެނިކުރި އަންހެންމީހާ، އަރްޗަނާ އެސް. ސޮއިކުރި ކޮންޓްރެކްޓްގައިވާ ގޮތުން އޭނާގެ ފިރިމީހާ ރާގޫ އެސް، ކޭޑީއާރް އަށް ކޮންމެ ރެއަކުވެސް 9.00 ވަންދެން އެކުވެރިންނާއެކު ބޭރުގައި އުޅުމުގެ ހުއްދަ ލިބޭނެ އެވެ. އަދި އެ ގަޑީގައި ފޯނުކޮށްގެން އުނދަގޫ ނުކުރުމަށް ވެސް އަންހެން މީހާ ވައުދުވެ މި ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވެއެވެ. އަދި ދެ ހެކިން ވެސް މި ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވެއެވެ.

ޕަލައްކަޅްގެ ކަންޖިކޮޑޭގައި މި ދެ މީހުން ކައިވެނިކުރީ މި ހިނގާ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ. ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ރާގޫގެ އެކުވެރިން އަރްޗަނާ އަށް ދީފައިވަނީ މި ކޮންޓްރެކްޓެވެ. އަދި އެ މީހުން ވަނީ މި ކޮންޓްރެކްޓް ސޯޝަލް މީޑީއާގައި ވެސް ޕޯސްޓްކޮށްފަ އެވެ.

ރާގޫގެ ވަޓްސްއަޕް ފްރެންޑްސް ގްރޫޕްގައި 17 އެކުވެރިން ތިބެ އެވެ. މި އެންމެންނަކީ ވެސް ބެޑްމިންޓަން ކުޅުންތެރިންނެވެ. އެހެންވެ މީގެން މީހަކު ކައިވެނި ކުރަންޏާ އެމީހެއްގެ ކައިވެނީގެ ދުވަހު ރަނގަޅު ސަޕްރައިޒެއް ދިނުމަކީ މި އެކުވެރިން އާއްމުކޮށް ކުރާ ކަމެކެވެ. އެގޮތުން ރާގޫގެ އަންހެނުންނަށް ދިން ސަޕްރައިޒަކީ މި ކޮންޓްރެކްޓެވެ.

އާސާމްގެ ފިރިހެނަކު ވެސް ދާދިފަހުން އޭނާ އަލަށް ކައިވެނިކުރި އަންހެންމީހާ ލައްވާ މިފަދަ ކައިވެންޏެއް ކުރުވައިގެން ސޯޝަލް މީޑީއާގައި މި ވާހަކަ ވަރަށް ގަދަޔަށް ދެކެވިފައި ވެއެވެ. މި ކޮންޓްރެކްޓްގައި ލިޔެފައވާ ގޮތުގައި މަހަކު އެއްފަހަރު ނޫނީ ޕިއްޒާ ކާން އަންހެންމީހާ ޑިމާންޑް ނުކުރާނެ އެވެ. އަދި ގޭގައި ކައްކާ ކާއެއްޗެތި ކާން އޭނާ އެއްބަސްވެ އެވެ. އަދި އަބަދު ސާޅީ އަޅައިގެން އުޅުމަށާއި ފިރިހެންމީހާ ރޭގަނޑު ދަންވަންދެން ޕާޓީކުރަން އުޅެން ވެސް އަންހެންމީހާ އެއްބަސް ވެއެވެ. އެކަމަކު ޕާޓީއަށް ދާން އަންހެންމީހާ އެއްބަސްވީ ހަމައެކަނި އޭނާ ގޮވައިގެން ދާނަމަ އެވެ.