ފިނިޕޭޖް

"ފްރީކީ ފްރައިޑޭ"ގެ ސިކުއެލް ހަދާނަމަ ލިންޑްސީ ތައްޔާރު

ލިންޑްސީ ލޯހެން އާއި ޖޭމީ ލީ ކާޓިސްގެ ފިލްމް "ފްރީކީ ފްރައިޑޭ"ގެ ސިކުއެލް ހަދާނަމަ އޭނާގެ ރޯލަށް އަނބުރާ އަންނަން ތައްޔާރުކަމަށް ލިންޑްސީ ބުނެފި އެވެ.

ލިންޑްސީ މިހެން ބުނީ އޭނާގެ އެންމެ ފަހުގެ ފިލްމް "ފޯލިން ފޯ ކްރިސްމަސް" ޕްރޮމޯޓްކުރަން "ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަން" އަށް އަރާފަ އެވެ.

މި ފިލްމް ހަދަން ޖޭމީ ލީ ކާޓިސްވެސް ތައްޔާރުކަމަށް ވަނީ ކުރިން ހާމަކޮށްފަ އެވެ. ނަމަވެސް ޖޭމީ ބުނީ ޑިޒްނީ ސްޓޫޑިއޯސްއާ މިކަމާބެހޭގޮތުން ވާހަކަ ދެއްކުމުން އަދި އެ ސްޓޫޑިއޯއިން ވަކި އެއްޗެކޭ ބުނެފައި ނުވާ ކަމަށެވެ.

ޖިމީ ދެން އެހި ސުވާލަކީ "މީން ގާލްސް"ގެ ސިކުއެލްއެއް ކުޅެފާނަންތޯ އެވެ. މި ސުވާލަށް ލިންޑްސީ ދިން ޖަވާބަކީ އެކަން އޮންނާނީ "ޓީނާ ފޭގެ އަތްމަތީގައި" ކަމަށެވެ.

މަސްތުވާތަކެތީގެ މަސްތުގައި 2008 އާއި 2011 އާ ދެމެދު ލިންޑްސީ ލޯހެންގެ ހަޔާތް މުޅިން ގެއްލި އެނާ ވަނީ ރީހެބަށް ގޮސް މަސްތުން ސަލާމަތްވުމަށް މަސައްކަތްކޮށްފަ އެވެ.

ލިންޑްސީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދަ ޕޭރަންޓް ޓްރެޕް"، "ކޮންފެޝަންސް އޮފް އަ ޓީނެޖް ޑްރާނާ ކުއީން"، "ހަރބީ ފުލީ ލޯޑަޑް" އަދި "ޖަސްޓް މައި ލަކް" ފަދަ ފިލްމް ހިމެނެ އެވެ.