އަދާލަތު ޕާޓީގ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ސިއްރު ހެކިން ހުށަހެޅުމުން އަންނަ ހޯމަ ދުވަހު އަޑު އެހުމެއް ބާއްވާ ގޮތަށް މިއަދުގެ އަޑު އެހުން ނިންމާލައިފި އެވެ. ސިއްރު ހެކި ހުށަހަޅަނީ ދައުލަތުންނެވެ.
ހަފުތާއެއް ފަހުން ސިއްރު ހެކިންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކުރީ، ސިއްރު ހެކިން މިވަގުތު މާލޭގައި ނެތުމުންނެވެ.
ދައުލަތުގެ ވަކީލާ ސަފާ އިބްރާހިމް ވިދާޅުވީ، ހެކިން މާލެ އަންނަނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި ދައުލަތުގެ ފަރާތުން ސިއްރު ހެކި ހުށަހަޅަނީ މޭޑޭގައި ހިނގާދިޔަ ހަމަނުޖެހުންތަކަކީ، އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން ހިނގި ކަންތައްތަކެއްކަން ސާބިތުކޮށްދޭން ކަމަށެވެ.
އިމްރާނު ޝަރީއަތުގެ މިއަދު އަޑުއެހުމުގައި މޭޑޭގެ މުޒާހަރާގައި ބޭނުން ކުރި ޕިކަޕް ފުލުހުންގެ ސަފުތައް ފަޅާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއި މުޒާހަރާގައި ފުލުހަކަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް ދައްކާފައިވެއެވެ. ދައުލަތުން ވީޑިއޯ ހުށަހެޅުމަށްފަހު ބުނީ އެ ކަންކަމަކީ އިމްރާން ދެއްކެވި ވާހަކައިގެ ސަބަބުން ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ.
އިމްރާންގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، އެ ވީޑިއޯތަކުން އިމްރާން ފެންނަން ނެތް ކަމަށާއި އެކަންތައްތައް ހިނގާފައިވަނީ އިމްރާންގެ ސަބަބުންކަން އެނގެން ނެތް ކަމަށެވެ.
ސިއްރު ހެކީގެ އިތުރުން ވެސް ދައުލަތުން އިމްރާނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައިވެއެވެ. އަމިއްލަ ދިފާއުގައި އިމްރާން ހުށަހަޅާފައިވަނީ އެންމެ ހެއްކެކެވެ. އެއީ މޭޑޭ މުޒާހަރާ ފެށުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި އިމްރާނު ދެއްކެވި ވާހަކައިގެ ފަސް މިނެޓް ދިގު ވީޑިއޯއެކެވެ.
ދައުލަތުން ހުށަހެޅި ހެކިތައް
- މޭޑޭގައި އިމްރާނު ދެއްކި ވާހަކައިގެ ވީޑިއޯ
- އިމްރާނު ޕޮލިހަށް ދެއްވި ތަހުގީގީ ބަޔާން
- އަދާލަތު ޕާޓީން މޭޑޭ މުޒާހަރާ ބޭއްވުމަށް ޕޮލިހަށް ހުށަހެޅި ނޯޓިސް
- އަދާލަތު ޕާޓީއަށް މުޒާހަރާކުރެވޭނެ ތަންތަން އަންގައިދީ ޕޮލިހުން ފޮނުވި ސިޓީ
- މުޒާހަރާގައި ފުލުހަކަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް
- މޭޑޭގެ މުޒާހަރާގައި ޕިކަޕް ފުލުހުންގެ ސަފުތައް ފަޅާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ
- ފުލުހުންނާއި އަދާލަތު ޕާޓީން މުޒާހަރާގެ ކުރިން ބޭއްވި ތިން ބައްދަލުވުމެއްގެ ޔަހުމިއްޔާ