ދުނިޔެ

ރަޝިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް މަޑުޖައްސާލަން އިންޑޮނީޝިއާ އެދެފި

އިންޑޮނީޝިއާގައި މާދަމާ ފަށާ ޖީ20 ސަމިޓަށް ގައުމުތަކުގެ ވެރިންނާއި މަންދޫބުން އަދި ވިޔަފާރިވެރިން ދަނީ އެއްވެ ޖަމާވަމުންނެވެ. މި ދަނޑިވަޅާ ދިމާކޮށް ރަޝިއާ އެކަހެރި ކުރުމަށް ހުޅަނގުން ވަނީ ސައްލާކޮށް އެއްބަސްވެފަ އެވެ.

ޖީ20 ސަމިޓް ބާއްވާ ގައުމުގެ ހައިސިއްޔަތުން -- ރަޝީއާ ބާކީކޮށް ހޭރުވުމަކީ ސަމިޓްގެ ރޫހާ ޚިލާފު ކަމެއް ކަމަށް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ހުޅަނގުގެ ލީޑަރުންނަށް ހަނދާންކޮށް ދެއްވާފަ އެވެ.

ސަމިޓަކީ ރަޝިއާއާ ދެކޮޅު ޖާފަތަކަށް ނުހެދުމަށް ވެސް އިންޑޮނީޝިއާ އިން ވަނީ ގޮވާލާފަ އެވެ.

ޖީ20 ސަމިޓް ފުރިހަމަ ކުރުމަށް ތަން ދެއްވައި، ސަމިޓަށްފަހު ގުޅިފައިވާ ބަޔާނެއް ނެރުން މައްސަލައެއް ނޫން ކަމަށްވެސް އިންޑޮނީޝިއާ އިން ވަނީ ބުނެފަ އެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ އިތުރުން އޭނާގެ ސަރުކާރުގެ އެހެން އޮފިޝަލުން ވެސް ވަނީ ޔޫކްރެއިންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅު ހެދުމަށް މިވަގުތަށް ލުއިތަކެއް ދިނުމަށް ހުޅަނގުގެ ލީޑަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޯކޯ ވިޑޯޑޯ ވަނީ ހުޅަނގުގެ ވެރިންނާ ބައްދަލުކުރަައްވައި ޑިޕްލޮމެޓިކް ސިޔާސަތު އިސްކުރެއްވުމަށް ދަންނަވާފަ އެވެ. އަދި ސަމިޓްގައި ރަޝިއާ އާއި ޗައިނާ ބައިވެރިވި ނަމަވެސް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ޖޯކޯ ވިޑޯޑޯއާ ހަވާލާދީފައި ހުރި ހަބަރުތައް ބުނާ ގޮތުން 2014 ގައި ރަޝިއާ ކްރައިމިއާއަށް އަރައިގަތުމާ ދިމާކޮށް -- އެ ހަރު އޮތް ޖީ8 ގެ ސަމިޓުން ރަޝިއާ ބޭރުކުރި ގޮތަށް މި ފަހަރު އިންޑޮނީޝިއާގައި އޮންނަ ސަމިޓުން ރަޝިއާ ބޭރުނުކުރަން އެދިވަޑައިގެންފަ އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތް ފަހުން ދުނިޔޭގެ ބައެއް ގައުމުތަކުން -- މައިގަނޑު ގޮތެއްގައި ހުޅަނގުން ވަނީ ރަޝިއާއާ ދެކޮޅަށް އިގުތިސާދީ ފިޔަވަޅުތައް އަޅާފަ އެވެ.

ދުނިޔޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކުންނާއި ފުޑް ޗެއިންތަކުން ވެސް ވަަނީ ރަޝިއާ ދޫކޮށް އެ ގައުމުން ފައިބާފަ އެވެ.