ރަޝިއާ ސިފައިން ޔުކްރޭނުގެ ޚާސަން ސިޓީން ފައިބަން އެ ގައުމުން އަމުރުކޮށްފައިވީ ނަަމަވެސް އެ ސިޓީގައި ދިރިއުޅުނު ރައްޔިތުން ގަސްދުގައި މަރާ، ހަނގުރާމައިގެ ޖަރީމާތަކެއް ރަޝިއާ އިން ހިންގާފައިވާ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ތުހުމަތުކުރައްވައިފި އެވެ.
ޒެލެންސްކީ ރަޝިއާގެ މައްޗަށް ބޮޑު ތުހުމަތެއް ކޮށްފައި މިވަނީ ރަޝިއާ ސިފައިން ޚާސަން ސިޓީން ފޭބުމަށް ރަޝިޔާއިން އަމުރުކުރިތާ ދެ ދުވަސް ފަހުންނެވެ.
ޔުކްރޭން ސަރުކާރުން ބުނި ގޮތުގައި މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ ސިފައިން އެ ގައުމަށް އަރައި ހިންގާފައިވާ ލާއިންސީ އަމަލުތަކުގެ ތެރެއިން ގިނަ ބަޔަކު މަރާލުމަށްފަހު ވަޅުލާފައިވާ އެތައް ތަނެއް ފެނިފައިވެ އެވެ.
މިފަދަ ތަންތަނުގެ ތެރެއިން ވެރިކަންކުރާ ކީވްގެ އިރުއުތުރުގައިވާ ޚާރްކިވް ސަރަހައްދާއި، ބުޗާގައި ވަޅުލާފައިވާ މީހުންގެ ހަށިތަކުން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ރަޝިއާ އިން ޔުކްރޭނަށް އަރައިގެން ފަހުން ހިންގާފައިވާ ޖަރީމާތަކުގެ ގޮތުގައި 400 އަށް ވުރެ ގިނަ މައްސަލަތައް ޔުކްރޭނުން ވަނީ ފެންމަތިކޮށްފަ އެވެ.
ޔުކްރޭނުން ހެދި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފެންމަތިކުރި ކަމަށް ބުނާ މައްސަލަތަކުގައި ގިނައިން ފެނިފައިވަނީ މަދަނީންގެ ހަށިގަނޑުތަކެއް ނަމަވެސް އެ މީހުންގެ ހަށިތައް ފެނިފައިވަނީ ސީދާ ކޮން ތަނަކުން ކަމެއް ޔުކްރޭނުން ނުބުނެ އެވެ.
ޔުކްރޭން ރަޝިއާ ހަނގުރާމައިގެ ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި ނިސްބަތުން އެންމެ ގިނައިން އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތައް ހިންގާފައިވަނީ ރަޝިއާއިން ކަމަށް މިދިޔަ މަހު އދގެ ކޮމިޝަނަކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. ރައްދުގައި ރަޝިޔާއިން ވަނީ އެ ގައުމުގެ ސިފައިން ގަސްދުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.