"ވަން ޑައިރެކްޝަން" ބޭންޑްގެ ކުރީގެ މެމްބަރެއް ކަމުގައިވާ ލުއިސް ޓޮމްލިންސަންގެ ކަނާތް ބިނދިއްޖެ އެވެ.
ލުއިސް އިންސްތަގްރާމްގައި ޕޯސްޓްކުރި މެސެޖުގައި ލުއިސްގެ އާ އަލްބަމްގެ ލަވަތައް އަޑުއެހި ފަރާތްތަކަށް ޝުކުރުއަދާކުރަމުން ބުނީ ނިއު ޔޯކް ސިޓީގައި އޮތް ކޮންސަޓް ވަރަށް ސަޅި ކަމަށެވެ.
ނަމަވެސް އެ ޝޯ ނިންމާފައި ދަނިކޮށް ވެއްޓި، ކަނާތް ބޮޑުކޮށް ބިންދައިގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަންނަ ހަފްތާގައި އޮންނަ ބައެއް ކަންކަން ރީޝެޑިއުލް ކުރަންޖެހޭ ކަމަށް ލުއިސް ބުންޏެވެ. އަދި އެކަންކަމުގެ އާ ތާރީހްތައް އިއުލާންކުރާނެ ކަމަށް ބުނެ މައާފަށް އެދުނެވެ.
ލުއިސް ވަނީ އޭނާގެ ބިނދިފައިވާ އަތުގެ އެކްސް-ރޭގެ ޕޮޓޯވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.
މި ޕޯސްޓަށް ފޭނުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު، ލުއިސްއަށްޓަކައި އަމިއްލަ އަތް ދޭނެ ފޭނުންނާއި ލުއިސްއަށް އަނިޔާވެދާނެތީ ބަބްލްރެޕްކުރާނެ ފޭނުންވެސް ތިއްބެވެ.
ނިއު ޔޯކް ސިޓީގެ އާވިން ޕްލާޒާގައި ޝޯ އޮތީ މިމަހުގެ 11 ވަނަ ދުވަހުގެ ރެއެވެ. އެ ޝޯގައި ލުއިސް ވަނީ އާ ލަވަތައް ޑެބިއު ކުރުމުގެ އިތުރުން "ވަން ޑައިރެކްޝަން"ގެ "ނައިޓް ޗޭންޖަސް"ގެ ރޮކް ކަވާއެއް ހުށަހަޅާފަ އެވެ. މިމަހުގެ 18ގައި އިނގިރޭސި ވިލާތުގެ ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އަލްބަމް-ރިލީޒް ޝޯ އަދި ރީޝެޑިއުލް ކޮށްފައެއް ނުވެ އެވެ.
ލުއިސް "ފެއިތް އިން ދަ ފިއުޗާ" އަލްބަމް ނެރެފައިވަނީ އޭނާގެ ޑެބިއު އަލްބަމް "ވޯލްސް" ނެރުނުތާ ދެ އަހަރަށްފަހު އެވެ.
"ފެއިތް އިން ދަ ފިއުޗާ" އަލްބަމްގައި 16 ލަވަ ހިމެނެ އެވެ. ލުއިސް ވަނީ މި އަލްބަމް ޕްރޮމޯޓްކުރަން ވޯލްޑް ޓޫއާ އެއްވެސް ރާވާފަ އެވެ.
2016 ގައި "ވަން ޑައިރެކްޝަން" ވަކި ދުވަހެއް ނޭނގޭ ގޮތަށް މެދުކެނޑިފައިވާ ކަމަށް އިއުލާންކުރުމަށްފަހު، ލުއިސް ވަނީ ސޯލޯ ޑެބިއު "ޖަސްޓް ހޯލްޑް އޮން" އިން ފަށާފަ އެވެ.
މި ލަވަ ވަނީ ޔޫކޭގެ ޗާޓްތަކުގައި ދެވަނައަށް އަރާފަ އެވެ. ލުއިސްގެ އިތުރުން ހެރީ ސްޓައިލްސް އާއި ޒޭން މަލިކްވެސް ވަނީ ސޯލޯ ކެރިއަރު ފަށާފަ އެވެ.