ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ދޯނިތަކުގައި ފިނިކުރާ ނިޒާމު ގާއިމުކުރަން ލޯން ދެނީ

މަސް ދޯނިފަހަރުގެ ވަތުގައި ރެފްރިޖެރޭޓަޑް ސީ ވޯޓަ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ވަތުގައި ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ލޯން ޕްރޮގްރާމެއް ތައާރަފް ކޮށްފި އެވެ.

މި ޕްރޮގްރާމުން އާރްއެސްޑަބްލިއުގެ އިތުރުން ދޯނި ފަހަރުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕަވަ ސިސްޓަމެއް ގާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ފޯރު ކޮށްދޭނެ އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދީ މަސްވެރިކަން ރަނގަޅު މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރު ކުރުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މިކަމަށްޓަކައި ސަރުކާރުން ވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްޑީބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމަށް ބޭނުންވާ ފައިނޭންސް ހަމަޖެހިގެން ދާނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ފައިނޭންސިން ސްކީމެއްގެ ދަށުން ކަމަށެވެ.

މިއީ ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމުލަ 200 މަސް ދޯނިފަހަރުގައި ސިސްޓަމްތައް ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ފުރަތަމަ ފިޔަވަހީގައި 100 މަސް ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމާއި ސޯލާ ސިސްޓަމް ހަރުކުރެވިގެން ދާނެ އެވެ. މި ފިޔަވަހި ކުރިއަށް ދާނީ މިއަހަރާއި އަންނަ އަހަރު އެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް

  • ރަޖިސްޓަ ކޮށްފައިވާ އުޅަނދަކަށް ވުމާއެކު މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން
  • އުޅަނދު މިހާރުވެސް ބޭނުން ކުރަނީ މަސްވެރިކަން ކުރުމަށް ކަމުގައިވުން
  • 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުން އަދި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީ ހުރުން
  • އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން

މީގެ އިތުރުން ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ނަގާފައިވާނަމަ އެ ލޯނު އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިއާޔަތްކުރާނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އެހެންނަމަވެސް ސުންގަޑީގެ ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް ވަޒަންކޮށް އެއުޅަނދެއްގައި ސިސްޓަމްތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.