ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުގެ ހުރިހާ ފްލެޓަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ދިމާވި މައްސަލަ އަކާ ގުޅިގެން ކަރަނޓް ކެނޑިފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.
އެ ކުންފުނިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މައްސަލަ ހައްލުކުރެވޭނެ ވަގުތެއް ބުނަން ނޭނގޭ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ހިޔާ ޓަވަރުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު މީހުން ދިރިއުޅެން ފެށި ފަހުން ހުރިހާ ޓަވަރަކުން އެއް ފަހަރާ މިހާތަނަށް ކަރަންޓް ކެނޑިފައި ނުވާ ކަމަށް އެތަނުގައި ދިރިއުޅޭ ބައެއް އާންމުން ބުނެފައިވެ އެވެ.
ޓަވަރުތަކުން ކަރަންޓް ކެނޑުނުއިރު ލިފްޓްތަކުގައި އެއްވެސް މީހަކު ތާށިވެ އެއްވެސް ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތެއްވެސް އަދި ލިބިފައެއް ނުވެ އެވެ.
ފަންސަވީސް ބުރިއަށް ހިޔާ ޓަވަރުތަކުން އެއް ފަހަރާ ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެތަނުގައި އުޅޭ ބައެއް އާންމުން ގެންދަނީ އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ކަނޑައިގެންދާ ހާލަތުގައި ހިޔާ ފްލެޓްތައް ފަދަ އުސް އިމާރާތްތަކަށް ކަރަންޓް ދޭނެ ބެކަޕް ސިސްޓަމެއް ގާއިމުކޮށްފައި ނެތުމެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓް ދިއުމާ ގުޅިގެން ޓަވަރުތަކުގެ މަތީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ތިރިއަށް ނުފޭބި އެމީހުން ވަނީ އިމާރާތްތަކުގައި ތާށިވެފަ އެވެ.