ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތަކުން އެއް ފަހަރާ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބައެއް މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
"ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުޅި ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި އެ މައްސަލަ ހައްލުވާނެ،" މިއުވާން ވިދާޅުވި އެވެ.
ހިޔާ ޓަވަރެއްގައި ދިމާވާ އެންމެ މައްސަލައަކުން މުޅި ޓަވަރުން ކަރަންޓު ކަނޑައިގެން ދިއުމުގެ މައްސަލަތައް މިހާރު ދިމާވާ ކަމަށާއި އެކަމުން އާންމުންގެ ޝަކުވާ ބޮޑުވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
ހިޔާ ސަރަހައްދުގައި ވެމްކޯ އިން މިހާރު ކުނި ނަގަނީ ކޮންމެ ދުވަހަކުވެސް މެންދުރު ފަހު އެވެ. މިއުވާން ވިދާޅުވީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގެ ޑިމާންޑަށް ބަލައި އެ ސަރަހައްދުން ކުނި ބަލައިގަންނަ ތަންތަން ކުރިއަށް އޮތް ދުވަސްތަކުގައި ހެނދުނު ހުޅުވަން ފަށާނެ ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާތެރޭގައި އެކަން ފެށިގެންދާނެ،" މިއުވާން ވިދާޅުވި އެވެ.
ހިޔާ ސަރަހައްދާއި ދެވަނަ ފިޔަވަހީގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީ އިން ވަނީ ހާއްސަ ޓާސްކް ފޯސްއެއް ވެސް އެކުލަވާލާފަ އެވެ.