ސްޓެލްކޯ

ކަރަންޓު ކެނޑުނީ މައި ކޭބަލްއަށް ގެއްލުންވުމުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދޭން އަޅާފައިވާ މައި ކޭބަލްއަށް ގެއްލުން ލިބުމުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރު ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ބިން ކޮނުމުގެ ތެރޭގައި ސްޓެލްކޯގެ މައި ކޭބަލަށް ގެއްލުން ވެފައިވާ ކަމަށެވެ.

ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯއިން ބުނީ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަސައްކަތަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެކި މަސައްކަތްތަކަށް ބިން ކޮނުމުގެ ތެރޭގައި މީގެ ކުރިންވެސް ކަރަންޓު ކޭބަލަށް ގެއްލުން ލިބި މީގެ ކުރިންވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ.

ހިޔާ ޓަވަރުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު މީހުން ދިރިއުޅެން ފެށި ފަހުން ހުރިހާ ޓަވަރަކުން އެއް ފަހަރާ މިހާތަނަށް ކަރަންޓް ކެނޑިފައި ނުވާ ކަމަށް އެތަނުގައި ދިރިއުޅޭ ބައެއް އާންމުން ބުނެފައިވެ އެވެ.

ޓަވަރުތަކުން ކަރަންޓް ކެނޑުނުއިރު ލިފްޓްތަކުގައި އެއްވެސް މީހަކު ތާށިވެ އެއްވެސް ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތެއްވެސް އަދި ލިބިފައެއް ނުވެ އެވެ.

ފަންސަވީސް ބުރިއަށް ހިޔާ ޓަވަރުތަކުން އެއް ފަހަރާ ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެތަނުގައި އުޅޭ ބައެއް އާންމުން ގެންދަނީ އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ކަނޑައިގެންދާ ހާލަތުގައި ހިޔާ ފްލެޓްތައް ފަދަ އުސް އިމާރާތްތަކަށް ކަރަންޓް ދޭނެ ބެކަޕް ސިސްޓަމެއް ގާއިމުކޮށްފައި ނެތުމެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓް ދިއުމާ ގުޅިގެން ޓަވަރުތަކުގެ މަތީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ތިރިއަށް ނުފޭބި އެމީހުން ވަނީ އިމާރާތްތަކުގައި ތާށިވެފަ އެވެ.