ތުރުކީގެ އިސްތަންބޫލްގައި އާދީއްތަ ދުވަހު ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ މީހާއާ ބެހޭ މައުލޫމާތު އެ ގައުމުން އާންމުކޮށްފި އެވެ.
މި ހާދިސާގައި ހަ މީހަކު މަރުވެ 81 މީހަކަށް ކުދިބޮޑު އަނިޔާ ވަނީ ލިބިފަ އެވެ.
ތުރުކީގެ އިދާރާތަކުން ބުނާ ގޮތުން މި ހަލަމާގެ ފަހަތުގައި ތިބީ ކުރިދީ އަސްކަރީ ގޮތްޕަށް ނިސްބަތްކުރެވޭ ހަނގުރާމަވެރިންނެވެ.
އިސްތަންބޫލްގައި ބޮން ގޮއްވާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ ސީރިއާގެ އަންހެނެކެވެ. އޭނާގެ ނަމަކީ އަހްލާމް އަލްބަޝީރު އެވެ.
އޭނާ އިސްތަންބޫލަށް ދިޔައީ މީގެ ހަތަރު މަސް ކުރިން ކަމަށް އިދާރާތަކުން ބުނެ އެވެ.
އިސްތަންބޫލްގައި އޭނާ އުޅުނީ ސީރިއާގެ އެހެން ދެ މީހަކާ އެކު ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.
އަހްލާމް އަލްބަޝީރު އިސްތަންބޫލަށް ގެންގޮސް ބޮން ގޮއްވަން ޖެހޭ ތަން ދެއްކީ އަދި އެހެން މީހެއް ކަމަށް ވެސް ތުރުކީން ބުނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އިދާރާތަކުން ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބޮން ގޮއްވާލި އަންހެނާ އާއި އޭނާއަށް ގޮތް ކިޔައިދޭން އުޅުނު މީހާ ހަތަރު މަސް ދުވަސް ވަންދެން މަސައްކަތްކުރީ ފޮތި ވިއްކާ ފިހާރައެއްގައި ކަމަށްވެ އެވެ. އަދި މި ދެ މީހުން އެއްގޮތަކަށް ވެސް ފޯނުން ވާހަކަ ނުދައްކާ ކަމަށް ވެސް ތަހުގީގުކުރާ ޓީމުން ބުންޏެވެ.
އަހްލާމް ހައްޔަރުކޮށް ސުވާލުކުރުމުން އޭނާ ތަމްރީންކުރީ ސީރިއާގައި އުޅޭ ޕީކޭކޭ ޓެރަރިސްޓް ގުރޫޕުން ކަމަށް ވަނީ އެއްބަސްވެފަ އެވެ.
މި ހަމަލާގައި ބައިވެރިވި ކަމަށް ބުނާ އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އޭނާވީ ތަނެއް އަހުލާމްއަށް ނޭނގޭ ކަމަށް އޭނާ ބުނާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހަމަލާގައި ދެވަނަ މީހާގެ ދައުރު އަދި މުޅިން ސާފުނުވި ނަމަވެސް އަހްލާމްގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށް ފުލުން ބުނެ އެވެ.