ފިނިޕޭޖް

އައިމެކްސްގެ ސީއީއޯ: ސިނަމާތަކަށް ފިލްމު ރިލީޒްކުރުން މުހިއްމު

ސިނަމާތަކުގައި ފިލްމް ރިލީޒްކުރުން މުހިއްމު ކަމަށް އައިމެކްސްގެ ސީއީއޯ ރިޗަޑް ގެލްފޯންޑް ބުނެފި އެވެ.

ގެލްފޯންޑް ބުނީ ފިލްމެއް ސިނަމާތަކަށް ރިލީޒްކުރާ މުއްދަތު އުނިކޮށްފައި، ސްޓްރީމިން ސާވިސްތަކަށް ރިލީޒްކުރުމުން ފައިދާވާނެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ސްޓްރީމިން ސާވިސްތަކަށް ފިލްމް ރިލީޒްކުރުމުގެ ކުރިން ސިނަމާއަށް ރިލީޒްކުރާ މުއްދަތު ދެމެހެއްޓުން މުހިއްމު ކަމަށެވެ. އަދި ސިނަމާތަކުގައި ފިލްމްތައް އެޅުވުމުން ސްޓްރީމިން ސާވިސްތައް އިތުރަށް ހިނގާނެ ކަމަށެވެ.

ގެލްފޯންޑް މިހެން ބުނެފައި މިވަނީ ޑިޒްނީ+ގެ ސަބްސްކްރައިބާސް ގިނަވެފައިވީ ނަމަވެސް، ޑިޒްނީގެ ފައިދާ ދަށަށް ގޮސްފައިވާ ވަގުތެއްގަ އެވެ. ގެލްފޯންޑް މިސާލަކަށް ދެއްކީ "ޓޮޕް ގަން: މެވްރިކް"އެވެ.

މި ފިލްމް ވަނީ ސިނަމާތަކުގައި ރިކޯޑްތައް މުގުރާލައި، ޕެރެމައުންޓް ޕިކްޗާސްގެ އެންމެ ބޮޑު ފައިދާ ހޯދި ފިލްމަށް ވެފަ އެވެ.

ގެލްފޯންޑް ބުނީ "ޓޮޕް ގަން: މެވްރިކް" ބޮކްސްއޮފީހުގައި ހޯދާފައިވާ 1.5 ބިލިއަން ސްޓްރީމިން ސާވިސްތަކުގެ ފައިދާއިން އުނިވެފައި ނުވާ ކަމަށާއި، އޭގެ ސަބަބުން ސްޓްރީމިން ސާވިސްތަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ ސްޓްރީމާތަކެއްވެސް މިކަން ގަބޫލުކުރާ ކަމަށް ގެލްފޯންޑް ބުންޏެވެ.

ކެނެޑާގެ އައިމެކްސް ކޯޕަރޭޝަނަކީ މައިގަނޑު ގޮތެއްގައި ހައި ރިޒޮލިއުޝަން ކެމެރާތަކާއި ޕްރޮޖެކްޓާ ސިސްޓަމްތައް ފަރުމާކޮށް ފިލްމު ތިއެޓަރުތަކަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. މީގެތެރޭގައި އައިމެކްސް 3ޑީ، އައިމެކްސް ޑޯމް އަދި ޑިޖިޓަލް އައިމެކްސް ހިމެނެ އެވެ.

ޑިސެމްބަރު 2019 އާ ހަމައަށް 81 ގައުމުގައި 1624 އައިމެކްސް ތިއެޓަރު ގާއިމުކޮށްފައިވެ އެވެ. މީގެ ގިނަ ތިއެޓަރުތައް ހުންނަނީ ކޮމާޝަލް މަލްޓިޕްލެކްސްތަކުގަ އެވެ. އައިމެކްސް ތިއޭޓަރަކުން ފިލްމެއް ބަލައިލުމަކީ މުޅިން ތަފާތު ތަޖުރިބާ އެކެވެ.