ހަބަރު

ސިޔާސީވެރިން ހައްޔަރު ކުރާކަށް ނޫޅެން: މުއާޒު

Jan 22, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިޔަސް އަދި އެހެން ސިޔާސީ ލީޑަރެއް ވިޔަސް ހިފައި ހައްޔަރު ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވި ގޮތުގައި، ސިޔާސީ ފަރާތްތަކުގެ ފަހަތުން ދުވުމަކީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫނެވެ. އަދި ރައީސް ޔާމީން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، އެ މަނިކުފާނު ރައްޔިތުންނަށް ވެ ވަޑައިގެންފައިވާ ވައުދުތައް ފުރިހަމަ ކުރައްވައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށެވެ. އަދި ޝަރުއީ ދާއިރާގައި ހުށަހެޅިފައި އޮންނަ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ މި ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް. މި ނިޒާމުގެ ތެރޭގައި އަޅުގަނޑުމެން ޝަރުއީ ދާއިރާއިން ބަލައި މައްސަލަތަކަށް އަޅުގަނޑުމެން ނުވަންނަން. އެހެން ވީމާ ޝަރުއީ ދާއިރާއިން ކުރާ ކަންތައްތަކަކީ އަޅުގަނޑުމެން އެކަމަށް ނުފޫޒު ފޯރުވާނެ ކަމެއް ނޫން،" މުއާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެމަނިކުފާނު ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކާ އެކު، އަބޫދާބީ އަށް ކުރައްވާ ދަތުރުފުޅު ކުރު ކުރެއްވުމަށް ފަހު މިއަދު މާލެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފުރާވަޑައިގަތް އިރުވެސް މާލެ ވަޑައިގަތުމަށް ނިންމަވާފައި ވެސް އޮތީ މިއަދު އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތް އޮތީ މިހާތަނަށް މަޑުޖެހިފަ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ބެންޗްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހައިކޯޓުގައި ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.