ފިނިޕޭޖް

ރޮބަޓާ ފްލެކްއަށް ދެން ލަވަ ނުކިޔޭނެ

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ އަދ ޕިއާނިސްޓް ރޮބަޓާ ފްލެކްއަށް ދެން ލަވަ ނުކިޔޭނެ އެވެ.

އުމުރުން 85 އަހަރުގެ ރޮބަޓާއަށް އެމްޔޮޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް (އޭއެލްއެސް) ޖެހިފައިވާތީ، މުސްތަގްބަލްގައި ލަވަ ނުކިޔޭނެ ކަމަށް އޭނާގެ ރެޕްރެޒެންޓެޓިވް ސުޒޭން ކޯގާ ބުނެފި އެވެ. މި ބައްޔަށް ލޫ ގެރިގްސް ޑިސީސްވެސް ކިޔާ އުޅެ އެވެ.

މި ބަލީގެ ސަބަބުން ރޮބަޓާއަށް ލަވަ ކިޔޭނެ ގޮތް ނުވެ، ވާހަކަ ދައްކަންވެސް ދަތިކަމަށް ސުޒޭން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް އޭއެލްއެސްއަށް ވެސް މި ކުޅަދާނަ ފަންނާނުގެ އަނގަ ބަންދު ނުކުރެވޭނެ ކަމަށް ސުޒޭން ބުންޏެވެ. ރޮބަޓާއަށް ވަނީ 2016 ގައި ސްޓްރޯކެއްވެސް ޖެހިފަ އެވެ.

ރޮބަޓާއާ ބެހޭގޮތުން މި ހަބަރު އާންމުވެފައި މިވަނީ އޭނާގެ ހަޔާތާ ބެހޭ ޑޮކިއުމެންޓަރީ "ރޮބަޓާ"، އެމެރިކާގެ އެންމެ ބޮޑު ޑޮކިއުމެންޓަރީ ފިލްމް ފެސްޓިވަލް ޑޮކްއެންވައިސީގައި ދެތިން ދުވަސް ފަހުން އެޅުވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ރޮބަޓާގެ އެންމެ މަޝްހޫރު ލަވަތަކަކީ "ކިލިން މީ ސޮފްޓްލީ ވިތް ހިސް ސޯން" އާއި "ދަ ފަސްޓް ޓައިމް އައި އެވާ ސޯ ޔުއާ ފޭސް" އެވެ.

ރޮބަޓާއަށް ކާމިޔާބީ ލިބެން ފަށާފައިވަނީ ކްލިންޓް އީސްޓްވުޑް އޭނާގެ 1971 ގައި ނެރުނު ފިލްމް "ޕްލޭ މިސްޓީ ފޯ މީ"ގެ މަންޒަރަކަށް "ދަ ފަސްޓް ޓައިމް އައި އެވާ ސޯ ޔޯ ފޭސް" ބޭނުންކުރުމަށް ފަހު އެވެ.