ދުނިޔެ

ރަޝިއާ މިސައިލެއް ޕޮލޭންޑަށް އެރި ވާހަކަ އަކީ ދޮގެއް: ރަޝިއާ

ރަޝިއާގެ މިސައިލް ހަމަލާއެއް ޔުކްރޭނާ އިންވެގެން އޮންނަ ޕޮލޭންޑަށް އެރި ކަމަށް އެ ގައުމުން ބުނާ ބުނުމަކީ ފިތުނަ އުފައްދަން ދައްކާ ވާހަކައެއް ކަމަށް ރަޝިއާ ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ރަޝިއާ ސިފައިން ޔުކްރޭނަށް ފޮނުވާ މިސައިލްތައް އޮޅުމަކުން ވެސް ޕޮލޭންޑަށް ނާރާނެ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ރަޝިއާގެ ދެ މިސައިލެއް ޔުކްރޭނާ ގުޅިފައި އޮންނަ ޕޮލޭންޑްގެ އަވަށަކަށް އަރައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި މި ހަމަލާއާ ގުޅިގެން ޕޮލޭންޑްގެ އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޔުކްރޭނާއި ޕޮލޭންޑް ގުޅޭ ސރަހައްދަށް ހަމަލާދިނުމުގެ ވިސްނުމެއް ރަޝިއާ ނުގެންގުޅޭ ކަމަށާއި ޕޮލޭންޑާ އެހާ ގާތަށް އެއްވެސް އިރެއްގައި މިސައިލެއް ނުފޮނުވާ ކަމަށެވެ.

ރަޝިއާއިން ދިން މިސައިލް ހަމަލާއެއް ކަމަށް ބުނެ ޕޮލޭންޑުން ދައްކަމުން ގެންދާ މަންޒަރުތަކަކީ ރަޝިއާއާ ގުޅުމެއް އޮތް މަންޒަރުތަކެއް ނޫން ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

ރަޝިއާއިން ހަމަލާދޭން ބޭނުންވާ އަމާޒެއް ޔުކްރޭނާއި ޕޮލޭންޑް ގުޅޭ ހިސާބުގައި ވެސް ނެތް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި އެމެރިކާ އާއި ނޭޓޯ ގައުމުތައް ތިބީ ރަޝިއާގެ ކިބައިން ބަދަލުހިފަން ތައްޔާރަށެވެ.

އެހެން ނަމަވެސް އެ ބުނާ މިސައިލަކީ ހަމަ ހަގީގަތުގައި ވެސް ރަޝިއާއިން ފޮނުވި މިސައިލެއްކަން ކަށަވަރު ނުކުރެވޭހާ ހިނދު އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރުން ވާނީ ބިރުބޮޑު ކަމަކަށެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ބުނާ ގޮތުން ޕޮލޭންޑަށް ވެއްޓުނު މިސައިލަކީ ރަޝިއާއިން ފޮނުވި މިސައިލެއްކަން ކަށަވަރު ކުރެވިފައި އަދި ނުވެ އެވެ.

ނޭޓޯއިން މިހާރު އޮތީ އެމެޖެންސީ ބައްދަލުވުކަށް މެމްބަރުންނަށް ގޮވާލާފަ އެވެ. އެއީ ނޭޓޯ ގައުމަކަށް ރަޝިއާ ހަމަލާދިންކަން ކަށަވަރުކުރުމަށެވެ.

ނޭޓޯގެ ސިޔާސަތު އޮންނަ ގޮތުން މެމްބަރު ގައުމަކަށް ހަމަލާއެއް އަރައިފި ނަމަ އެ ގައުމެއްގެ ދިފާއުގައި ރައްދުދިނުމަށް ނޭޓޯގެ ހުރިހާ މެމްބަރުން ހަރަކާތްތެރިވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޮލޭންޑަށް އެރި މިސައިލަކީ ހަމަ ހަގިގަތުގައި ވެސް ރަޝިއާގެ މިސައިލަކަށް ވާނަމަ އޮތީ ދެ ގޮތެކެވެ. އެއީ ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފޮނުުވި މިސައިލެއް ވައިގެ ތެރޭގައި ހުއްޓުވައި ގޮއްވާލަން ދިން ހަމަލާގެ ސަބަބުން މިސައިލް މަގުން ކައްސާލުމެވެ.

އަނެއް ގޮތަކީ ރަޝިއާއިން ޔުކްރޭންގެ ވަކި ސަރަހައްދަކަށް ހަމަލާދޭން މިސައިލް ޕްރޮގްރާމްކުރިއިރު އޮޅުމެއް އެރުމެވެ. ނުބައި ލޮކޭޝަނެއް ދެވުމެވެ.

އެެހެން ނަމަވެސް، އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގަައި ރަޝިއާއިން ޔުކްރޭނަށް ހަމަލާދެން ފޮނުވާ ކުރޫޒް މިސައިލްތައް ޕޮލޭންޑަކަށް ނުފޯރާނެ އެވެ.

އެހެން ނަމަވެސް، މިސައިލް ދިފާއުވުމަށް ޔުކްރޭން ބޭނުންކުރާ އެސް300 މިސައިލް ޑިފެންސް ސިސްޓަމް ބަލިކަށިކަމުން އެ ފަދަ ހާދިސާއެއް ހިނގާފާނެ އެވެ.