ޔުމްނާ މައުމޫން

ޑިސެމްބަރު މަހު އޮލިމްޕަސް ހުޅުވާނެ: ޔުމްނާ

މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ އޮލިމްޕަސް މިއަންނަ މަހު 16 ވަނަ ދުވަހަށް ނިންމާ ހުޅުވާނެ ކަމަށް ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިހެން ވިދާޅުވީ އޮލިމްޕަސް ނުހުޅުވި ލަސްވާ ސަބަބެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޔުމްނާ ވިދާޅުވީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނުނިމި ލަސްތަކެއްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ލަސްވެގެން ދިޔައީ އޮލިމްޕަސް ތަރައްގީކުރުމަށް ހަވާލުކުރި ފަރާތުން އެކަން ނުކުރެވޭނެ ކަމަށް އަންގާފައިވާތީ އިތުރު ފަރާތެއް ހޯދާ އެ މަސައްކަތް އަލުން ފަށަން ޖެހުމުން ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އޮލިމްޕަހަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގެނައުމުގައިވެސް ދަތިތަކެއް ކުރިމަތިވި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު ހުރިހާ ވަސީލަތްތަކެއް ގެނެސްފައިވާ ކަމަށް ޔަގީންކޮށްދެއްވި އެވެ.

ޔުމްނާ ވިދާޅުވީ އޮލިމްޕަސް ތަރައްގީ ކުރުމަށްފަހު ހުޅުވާ އިރު އޮލިމްޕަހުގައި ފިލްމު އެޅުވުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި 7.1 ސަރައުންޑް ސައުންޑާއި ރިޓްރެކެޓް ކުރެވޭ ސިނަމާ ސްކްރީނެއް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މިއުޒިކް ޝޯ ތަކާއި ސްޓޭޖް ޑްރާމާތައް ކުޅުމަށް ބޭނުންވާ ސައުންޑް ސިސްޓަމާއި ލައިޓިން ހިމަނައިގެން ސްޓޭޖެއް ތަރައްގީކޮށްފައި ހުންނާނެ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.

މިއުޒިކް ތަމްރީނުތަކަށް ދެ ކޮޓަރިއާއި ނެށުމުގެ ތަމްރީނުތަކަށް އެއް ކޮޓަރިއާއި މިއުޒިކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް އޮލިމްޕަހުގެ ގޯތިތެރެ ތަރައްގީކޮށް، އޮލިމްޕަސް ސަރަހައްދުގައި ކެފޭ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޮލިމްޕަސް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ނިމިގެން ދާއިރު މިހާރު ހުރި ވަސީލަތްތަކުގެ އިތުރުން، އިތުރު ވަސީލަތްތަކެއް އެތަނުން ލިބިގެން ދާނެ. ފަންނާނުންނަށް އެބޭފުޅުންގެ ފަންނީ ހުނަރުތައް ދައްކާލާނެ ތަފާތު ޕްލެޓްފޯމްތަކެއް އެތަނުގައި ހުންނާނެ. މިހާރު މި މަސައްކަތް ކުރަނީ ޑިސެމްބަރު 16 ވަނަ ދުވަހަށް އޮލިމްޕަސް ހުޅުވާލުމަށް،" ޔުމްނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެފަހުން އޮލިމްޕަސް ހުޅުވަން ސަރުކާރުން އެކި ތާރީހު ދިން ނަމަވެސް އޮލިމްޕަސް ހުޅުވާފައެއް ނުވެ އެވެ. ފަހުން އާޓްސް މިނިސްޓްރީން ވަނީ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް ބުނެ އޮލިމްޕަސް ހުޅުވުން ފަސްކޮށްފަ އެވެ.

އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ ބޭފުޅުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޮލިމްޕަސް މަރާމާތުކޮށް އަޕްގްރޭޑް ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 21 ވަނަ ދުވަހު އެވެ.