ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ހުސައިންއަށް ފިޔަވަޅު އަޅާނަން: ޕީޕީއެމް

ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބިލް ފާސް ކުރުމަށް ތާއީދުކުރައްވާ އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވޯޓު ދެއްވާފައިވާތީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމް ޕީއެންސީ ޕީޖީ ގުރޫޕުން ބުނެފި އެވެ.

ޓެކްސް ބޮޑު ކުރަން މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި ބިލް ފާސްކުރީ 55 މެންބަރުންގެ ތާއީދާ އެކު އެެވެ. ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

ޓެކްސް ބޮޑުކުރަން އިދިކޮޅު މެންބަރުންގެ ތެރެއިން ތާއީދު ކުރެއްވި ހަމައެކަނި މެންބަރަކީ ވެސް ހުސައިން މުހައްމަދު ލަތީފް އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީގެ 14 މެންބަރަކު ވެސް ވަނީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.

ޓެކްސް ބޮޑުކުރަން ހުސައިން ވޯޓު ދެއްވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން ހުސައިން އަށް ފިޔަވަޅު އަޅާނެ ކަމަށެެވެ. މިމައްސަލައިގައި އޭނާ އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.

"އެކަން ދިޔައީ ދެރަކޮށް. ޕީޖީ ގުރޫޕުން އެކަމަށް އޮންނަ އުސޫލުން ޑީލް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލީސް ކުރާ ގެ ހުންނަ ސަރަހައްދުގައި މިދިޔުަ ދެތިން ދުވަހު މުޒާހަރާވެސް ކޮށްފަ އެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި މިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް ސޯލިހަށް އިއްޔެ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.